twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފަހަތުން އަރާ ސައުދީން އާޖެންޓީނާ ލަދުގަންނަވާލައިފި، އާޖެންޓީނާއަށް ދަށް ފެށުމެއް

މުޙައްމަދު އަހުމަދު
Nov 22, 2022

ގަތަރު ވޯލްޑް ކަޕް 2022 ގައި މިއަދު އާޖެންޓީނާއާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗު ފަހަތުން އަރާ ސައުދީން ކާމިޔާބުކޮށް މެސީގެ އާޖެންޓީނާ ލަދުގަންނަވާލައިފި އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިއަދު އާޖެންޓީނާއާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗު ސައުދީން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ދެލަނޑު ޖަހާ 2 - 1 ންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މޮޅު ކުޅުމެއް އާޖެންޓީނާއިން ދެއްކި ނަމަވެސް އެޓީމަށް މޮޅުވެވޭ ގޮތެއް ނުވި އެވެ.

މެޗުގައި އާޖެންޓީނާއިން ލީޑު ނެގީ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާކަމުގައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެފަހުން ވެސް އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ދެލަނޑު އަދި މެސީ ލަނޑެއް ޖެހި އެވެ. ނަމަވެސް ރެފްރީ ވަނީ އެ ތިން ލަނޑަކީ ވެސް އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ.

ފުރަތަމަ ހާފު ނިމުނީ 1 ގޯލުގެ ލީޑަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ކުރީކޮޅު އަލް ޝެހްރީ ވަނީ ސައުދީގެ ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. އަދި އޭގެ ފަސް މިނެޓުފަހުން ސައުދީގެ އަލް ދައުސާރީ ވަނީ ސައުދީ މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދީފަ އެވެ.

މީގެކުރިން އާޖެންޓީނާއާ ސައުދީ ވަނީ 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. ހަތަރު މެޗުން ވެސް އާޖެންޓީނާ ބަލިވެފައެއް ނުވެ އެވެ. ދެމެޗުން މޮޅުވިއިރު ދެމެޗުން އެއްވަރުވެފައިވެ އެވެ. 1978 އަދި 1986 ގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ މިއީ 18 ވަނަ ވޯލްޑް ކަޕެވެ. މިއަދު ކުޅެވޭ އަނެއް މެޗުގައި އިރުއޮއްސި 6 ޖަހާއިރު ޑެންމާކުން ޓިއުނީޝިއާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355