ވޯލްޑް ކަޕް 2022 ގައި މިއަދު ޓިއުނީޝިއާއާ ޑެންމާކް ބައްދަލުކުރި މެޗު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މިއަދު އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ޑެންމާކާއި ޓިއުނީޝިއާ އެއްވަރުވިއިރު ޔޫރޯގައި ކުރިމަތިވި ހިތްދަތި ހާދިސާއިން ރިކަވާ ޑެންމާކުގެ ކެޕްޓަން ކްރިސްޓިއަން އެރިކްސަން ވަނީ އެނބުރި އައިސްފަ އެވެ.
މޭޖަރ ޓޯނަމެންޓަށް އެނބުރި ކްރިސްޓިއަން އެރިކްސަން ޑެންމާކް ސްކޮޑާ ގުޅި މިއަދު މެޗުގައި ކުޅުނެވެ. ފޯރިގަދަ މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކިއިރު ޓިއުނީޝިއާއިން ވަނީ ޑެންމާކް ޓީމް ހިފަހައްޓާފަ އެވެ.
ޓިއުނީޝިއާގެ ކުޅުން ހިފެހެއްޓުން ޑެންމާކަށް ވެސްވީ ބޮޑު ބޮލުގަ ރިހުމަކަށެވެ. މެޗުގައި ދެޓީމުން ވެސް ލަނޑު ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
23 ވަނަ މިނެޓުގައި އިއްސާމް ޖެބާލީ ޖެހި ލަނޑު އޮފްސައިޑަކަށްވީއިރު ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންގެ ލަނޑު ވެސް ރެފްރީ ނިންމީ އޮފްސައިޑެއް ކަމަށެވެ.
މެޗުގައި ދެޓީމުން ޖުމްލަ 24 ޝޮޓް އުފެއްދިއިރު އެތަނުން 15 ޝޮޓަކީ ކޯނަރަކުން އުފެއްދި ހަމަލާތަކެކެވެ. މިއީ އެއް ވޯލްޑް ކަޕް މެޗެއްގައި ކޯނަރުން އެންމެ ގިނަ ޝޮޓް 1966 ވަނަ އަހަރަށްފަހު ފެނިގެންދިޔަ މެޗެވެ. އަދި 2014 ގެ ފަހުން ލަނޑެއް ނުޖެހި އެންމެ ގިނަ ޝޮޓު އުފެއްދި މެޗުވެސްމެ އެވެ.
ފީފާ ވޯލްޑް ކަޕުގައި މިދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ. ވޯލްޑް ކަޕުގެ ބޭރުން މިދެޓީމު ބައްދަލުކޮށްފައިވަނީ މީގެ 20 އަހަރު ކުރިން ޖަޕާނުގަ އެވެ. އެމެޗު 2 - 1 ން ކާމިޔާބުކުރީ ޑެންމާކުންނެވެ.
މިރޭ މެކްސިކޯއާއި ޕޮލެންޑް ބައްދަލުކުރާ މެޗު މިހާރު ފަށައިގެން ކުރިއަށްދާއިރު މިރޭ ދަންވަރު 12 ޖަހާއިރު އޮސްޓްރޭލިއާއިން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.