ގަތަރު ވޯލްޑް ކަޕް މުބާރާތުގައި މިރޭ މެކްސިކޯ އާއި ޕޮލަންޑް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ޕޮލެންޑުގެ ކެޕްޓަން ލެވަންޑޮސްކީގެ ޕެނަލްޓީ ނާކާމިޔާބުވެއްޖެ އެވެ.
މިރޭ ގްރޫޕް ސީގެ ދެވަނަ މެޗުގައި ޕޮލެންޑާއި މެކްސިކޯ އެއްވަރުވުމާއެކު ގްރޫޕް މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. މިއަދު ސައުދީ އަތުން އާޖެންޓީނާ ބަލިވި ނަމަވެސް އެޓީމަށް ކުރިމަތިވި ޕްރެޝަރަށް ލުޔެއް އަންނާނެ އެވެ.
ސައުދީން ދެވަނަ މެޗުގައި ޕޮލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭއިރު އާޖެންޓީނާ ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗުތައް ހުރިހާ ޓީމުތަކަކަށް ވެސް ވަރަށް މުހިންމު މެޗުތަކަކަށްވާނެ އެވެ. މިއަދުގެ މެޗުގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރިއިރު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފުގައި ލޮނުމަޑުކޮށް ފެނުނު ޕޮލަންޑުން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކުގަ އެވެ. މިޑްފިލްޑް ލައިނަށް ގެނައި ބަދަލާ އެކު އެ ޓީމުން ކުރިއަށް ޖެހި ލިބުނު ހިލޭ ޖެހުންތަކާ ކޯނަރުތަކުގައި ނުރައްކާކުރި އެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ޕޮލެންޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން ލެވަންޑޮސްކީ ފޮނުވާލި ޕެނަލްޓީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެކްސިކޯގެ ކީޕަރު އޮޗޯއާ ވަނީ ދިފާއުކޮށްފަ އެވެ.
މިރޭގެ ފަހު މެޗުގައި ފްރާންސާ އޮސްޓްރޭލިއާ ބައްދަލުކުރާނެ އެވެ. އެމެޗު ކުޅެވޭނީ މިރޭ ދަންވަރު 12 ޖަހާއިރު ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގަ އެވެ.