އުރީދޫ މޯލްޑިވްސްއިން ކުޅުދުފުށި ސިޓީ ކައުންސިލް އާއި ގުޅިގެން އުރީދޫ އެސްއެމްބީ މީޓްއަޕް ނޯތު އެޑިޝަން ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
އުރީދޫ އެސްއެމްބީ މީޓަޕް އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކް ކޮށް ހިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް އަދި ޕާޓްނާޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެކެވެ. މިއަހަރުގެ ޖޫން މަހުގައި އުރީދޫ މޯލްޑިވްސް އިން ފެށި މި ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު މާލެއަށް އަމާޒުކޮށް މާލޭގައެވެ.
"ދެމެހެއްޓެނިވި ކުރިއެރުމަކަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ސަރަހައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމައުއާއި އިޤްތިސާދަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް." ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި އެވެ.
"އުރީދޫ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެއްް. ޑިޖިޓަލް ސޮލިއުޝަންތަކުން ދެމަހެއްޓަނިވި ގޮތެއްގައި ރާއްޖޭގައި ވިޔަފާރިތަކަށް ކުރިއެރުން މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި މިއަހަރު ކުރީކޮޅު އަޅުގަނޑުމެން މި މަސައްކަތް ފަށާފައިވާއިރު، މި ފޯރަމް ރާއްޖޭގެ އުތުރަށް ގެނެސް، މި ސަރަހައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.
ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓްއަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.