އެފްރިކާގެ ޗެމްޕިއަން ސެނެގާލް އަތުން މިރޭ ބަލިވެ މުބާރާތުގެ ހޯސްޓް ގަތަރަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލި އެޓީމު އުދަނގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.
ގަތަރު ވަނީ މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި އެކުއެޑޯ އަތުން ބަލިވެފަ އެވެ. އެއީ ވޯލްޑްކަޕުގެ ހޯސްޓް ގައުމަކުން މުބާރާތް ހުޅުވާ މެޗުގައި ބަލިވި ފުރަތަމަ ފަހަރަކުން ފާހަގަކޮށްލެވެ އެވެ.
3 - 1 ން ސެނެގާލް އަތުން ގަތަރު ބަލިވިއިރު މިރޭ މިގްރޫޕުގެ އަނެއް މެޗުގެ އެކުއެޑޯއާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން މުބާރާތުން ފުރަތަމަ ކަޓާ ޓީމަކަށް ގަތަރު ވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެ އެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ޑިއާގެ ލަނޑުން ސެނެގާލުން ލީޑު ނެގިއިރު 48 ވަނަ މިނެޓުގައި ދިއޭދޫ ލަނޑުން ސެނެގާލުން ލީޑު ފުޅާކުރި އެވެ. ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި މުހައްމަދު މުންތާރީގެ ލަނޑުން ގަތަރުން ފަރަގު ކުޑަކޮށްފައިވަނިކޮށް ސެނެގާލުގެ ބަމްބާ ޑިއެންގް ވަނީ އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ މެޗުން މޮޅުކޮށްދީފަ އެވެ.
ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވި ސެނެގާލަށް އެކުއެޑޯ ކައިރިން ރަނގަޅު ނަތީޖާއެއް ނެރެގެން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
މިރޭގެ މެޗަކީ ސެނެގާލާއި ގަތަރުގެ ތާރީހުގައި ވެސް މިދެޓީމު ބައްދަލުކުރި ފުރަތަމަ މެޗަށް ވެގެންދިޔައިރު ސެނެގާލުން މީގެކުރިން މުބާރާތް ބާއްވާ ގައުމާއި ބައްދަލުކޮށްފައެއް ނުވެ އެވެ.
މިރޭ 9 ޖަހާއިރު ނެދަލޭންޑްސްއިން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. އަދި ދަންވަރު 12 ޖަހާއިރު އެމެރިކާއާއި އިނގިރޭސި ވިލާތް ބައްދަލުކުރާނެ އެވެ.