ވޯލްޑްކަޕް 2022 ގައި ރޭ އެމެރިކާއާއި އިނގިރޭސި ވިލާތް ބައްދަލުކުރި ފޯރިގަދަ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި ރޭ ދަންވަރު އެމެރިކާއާ އިންގްލޭންޑް ބައްދަލުކުރި މެޗު ނިމުނީ 0 - 0 ން އެއްވަރުވެގެންނެވެ. މީގެކުރިން ވޯލްޑްކަޕުގައި ދެފަހަރެއްގެ މަތިން އެމެރިކާއާއި އިންގްލެންޑް ބައްދަލުކޮށްފައިވާއިރު އަދި މިހާތަނަށް އިންގްލެންޑަށް އެމެރިކާ ބަލިކުރެވިފައެއް ނުވެ އެވެ.
1950 ވަނަ އަހަރު ކުޅުނު މެޗުން އެމެރިކާ މޮޅުވިއިރު 2010 ވަނަ އަހަރުގެ މެޗުގައި ދެޓީމު އެއްވަރުވީ އެވެ. ރޭގެ މެޗުން އެއްވަރުވުމުން ދެޓީމުން ވެސް ދެވަނަ ބުރަށް ކުރާ އިންތިޒާރު ދިގުވީ އެވެ. އިންގްލެންޑް ހިމެނޭ ގްރޫޕުގެ ހުރިހާ ޓީމަކަށް ވެސް އަދި އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުގެ ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. ގޯލާ އަމާޒުކޮށް އިންގްލެންޑުން 3 ހަމަލާ ފޮނުވާލިއިރު އެމެރިކާއަށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ. ނަމަވެސް މެޗުގައި ގިނަ ޝޮޓްތައް ހަދާފައިވަނީ އެމެރިކާއިންނެވެ. އަދި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.
ރޭގެ މެޗަކީ ވޯލްޑްކަޕެއްގައި އަލަށް ލަނޑެއް ނުޖެހި އެމެރިކާއިން ޓީމަކާ އެއްވަރުވި ފުރަތަމަ ފަހަރަށްވާއިރު އިންގްލެންޑުން މިހާތަނަށް ވޯލްޑްކަޕުގައި 12 މެޗެއް ލަނޑެއް ނުޖެހި އެއްވަރުވެފައިވެ އެވެ.
ވޯލްޑް ކަޕު ތާރީހުގައި ލަނޑެއް ނުޖެހި އެންމެ ގިނަ މެޗުން އެއްވަރުވެފައިވަނީ އިންގްލެންޑެވެ. އަދި ޔޫރަޕުގެ ގައުމެއް އަތުން ލަނޑެއް ވަނަ ނުދީ މެޗެއް އެމެރިކާއިން ނިންމާލި މީ ފުރަތަމަ ފަހަރެވެ. މީގެކުރިން އެގޮތަށް މެޗެއް ނިމިފައިވަނީ 1950 ވަނަ އަހަރު އެވެ.
ގްރޫޕުގެ ފަހު މެޗުގައި އެމެރިކާއިން އިރާނާ ދެކޮޅަށް ނުކުންނަން ޖެހޭއިރު އިންގްލެންޑުން ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.