twitterviber whatsapp telegramfacebookyoutube instagram
29th September 2023

ކުޅުދުއްފުށި، މާލެއަކަށް ވުމާ ދިމާއަށް: ކޮންސެޕްޓް ގޯސް!

Nov 27, 2022
4

މާލެ އޮތީ ތޮއްޖެހިފަ އެވެ. އަހަރަކަށް ފަހު އަހަރެއް ރަށްރަށުން މާލެއަށް ހިޖުރުކުރާ ރޭޓް ދަނީ އިތުރުވަމުންނެވެ. މިއީ މައްސަލައެކެވެ. ކޮންމެ ދިވެއްސަކު ވެސް އެކަން ގަބޫލު ކުރެ އެވެ. މާލެ ވަށައިގެން ފެންނަ އިޖުތިމާއީ، އިގުތިސޯދީ، ސިއްހީ ކޮންމެ މައްސަލައެއްގެ ވެސް މައި ސަބަބެވެ.

ސަރުކާރުތަކުން ވެސް އެ ކަމަށް އެއްބަހެވެ. އެކަމަކު ހައްލަކަށް ކޮންމެ ސަރުކާރެއްގެ ވެސް މައި ސިޔާސަތަކަށް ފެންނަން އޮތީ އަދިވެސް މާލެ ސަރަހައްދު ބޮޑުކުރުމެވެ. މާލެ ވަށައިގެން އޮތްހާ ފަޅެއް ހިއްކައިގެން، ރަށްރަށް އުފައްދަނީ އެވެ. ދެން މާލެ "ތަރައްގީ" ކުރި ގޮތް ބައެއް އާބާދީ ބޮޑު އެހެން ރަށްރަށަށް ނަކަލު ކުރަނީ އެވެ.

ވިސްނުމަކަށް ވެފައި އޮންނަނީ މާލެއާ ޖެހިގެން އެންމެ އާބާދީ ބޮޑު ރަށްރަށް އެ ގޮތަށް ނަކަލުކޮށްލުމުން އެ ސަރަހައްދުތަކުގެ މީހުން ދެން މާލެއަކަށް ނާންނާނެ އެވެ. ދެން ދާނީ އެ ސަރަހައްދެއްގެ މައި އެ ރަށަށެވެ. އޭރަށް މާލެއަށް ލުޔެއް ލިބި، އެ ސަރަހައްދަކަށް ދިރުން ވެސް އަންނާނެ ކަމަށެވެ.

ވިސްނުން ވަކި މުޅިއަކުން ގޯހީއެއް ނޫނެވެ. ގޯސްވާ މިސްރާބަކީ، މާލެ ތޮއްޖެހުނު ސަބަބުތަކާއި، ޕްލޭނެއް ނެތި އުމްރާނީ ބިނާތަކެއް އެޅުމުގެ ކޮންސެޕްޓެއް އެހެން ރަށްރަށަށް ނަކަލުކުރުމުން ދެން އެ ރަށްރަށް ވެސް މާލެއަށް ބަދަލުވުމެވެ. އާދޭހެވެ. މާލެ ފަދަ ޚިދުމަތްތައް އޮތް ރަށަކަށް ވުމާއެކު، އެ މައްސަލަތައް ވެސް އޮތް ފަދަ ރަށަކަށް ބަދަލުވުމެވެ.

މި ލިޔުމަށް މިސާލެއްގެ ގޮތުން އަހަރެންނަށް ވެސް ބެލެން އޮތީ މި ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގެ ޒުވާން ބައެއް ކުދީން ސޯޝަލް މީޑިއާގައި މި ދުވަސްވަރު ހިއްސާކުރަމުންދާ އެއް ފޮޓޯއަކީ މީގެ ފަސް އަހަރެއްހާ ކުރިން ރަށުގެ ކުޅި ސަރަހައްދެވެ. ހިތްހަމަޖައްސައިލާ މީހުން ތިބޭނެ، ފަތުރުވެރިންގެ ޝައުގު ވެސް އުފެދިދާނެ، ކުޅުދުއްފުއްޓަށް މީހުން އައިސް ހޭދަކުރާން ދައްކާން އޮތް އެއް ސަބަބެވެ. ނެތިކޮށްލީ "ޑޮމެސްޓިކް" އެއާޕޯޓެއްގެ ބޭނުމެއްގަ އެވެ.

ވެ ދިޔަ ތަނެއް އެ ދިޔައީ އެވެ. އެ ތަނެއް ދެން އެ ރީތި ކަމަކު ފެންނާކަށް ދެނެއް ނުލިބޭނެ އެވެ. އެއާޕޯޓްގެ ބޭނުން ދެން ކުރާނީ އެވެ. އެއާޕޯޓްގެ ބޭނުމެއް ވެސް އޮތަތީ އެވެ. އެކަމަކު ވައިގެ ދަތުރުފަތުރަށް، އަދި ބޭސްފަރުވާއަށް މާލެ ދާން އޮތް "އަސާސީ ބޭނުމަކަށް" ބޮޑު ސަރަހައްދެއް އުމްރާނީ ބިނާއަކަށް ބޭނުން ކުރިއިރު، ދެމެހެއްޓެނިވި ގޮތެއްގައި އެއާޕޯޓް ހިންގާނެ ޕްލޭނެއް ވެސް ނުފެނެ އެވެ. އަނެއްކާ ވެސް ދެން އޮތް ސަރަހައްދުން ބޮޑު ބައެއްގައި ވިޔަފާރި ބަނދަރެއް ވެސް އެޅީ އެވެ. އެ ސަރަހައްދު ވެސް އަދި ތަންފީޒީ އަދި ކާމިޔާބު ވިޔަފާރިއަކަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މަރުހަލާއަކަށް ނުދެ އެވެ. އަދިވެސް ގިނަގުނަ އެތައް އުމްރާނީ ބިނާއެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

މި ހުރިހާ ކަމެއް އޮތް އިރު، އަދި އެހެން އަސާސީ ބޭނުމެއް ވެސް އެބަ އޮތެވެ. ގޯތިގެދޮރެވެ. ބޯހިޔާވަހިކަމެވެ. އެއް ޖީލު ނިމި އާ ޖީލެއް ހެދި ބޮޑުވަނީ އެވެ. އެންމެ އަސާސީ މިންވަރަށް، ދެމަފިރިންނާއި ދަރިންގެ ކުޑަކުޑަ އާއިލާއަށް ބޭނުންވާ ވަރަށް މި ރަށަކު ވެސް ބޯހިޔާވަހިކަމެއް ނެތެވެ. މިހާރު ރަށުން ދެން ބާކީވާ ބިންކޮޅުން ދެން އެ ކަން ވެސް ހަމަޖައްސަން ޖެހޭނެ އެވެ.

ލިސްޓު މި ވަރަކުން ވެސް ނުނިމެ އެވެ. ކުޅުދުއްފުށީގެ އާބާދީއަށް ބަލާއިރު ޒުވާނުން ޝާމިލުވާ ކުޅިވަރުތައް ވެސް މަދެއް ނޫނެވެ. ފުޓުބޯޅައިގެ އިތުރަށް ރޭސް ޖެހުމާއި ރާޅާއި އެރުމާއި، އެތްލެޓިކްސްގައި ވެސް ވަރަށް ހަރަކާތްތެރި އެވެ. މާލޭގެ ވިސްނުމުން، އެއާޕޯޓާއި އެހެން ބޮޑެތި އުމްރާނީ ބިނާތައް ޖަމާކުރިހެން މި ތަންތަން ވެސް ވާނީ ޖަމާކުރަންތާ އެވެ.

އުމްރާނީ އިމާރާތްތަކާއި ބިނާވެސް މުހިންމެވެ. އެކަމަކު ތޮއްޖެއްސުމަކީ ތަރައްގީއެއް ނޫނެވެ. މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން މުޅި ސަރަހައްދަށް ވަރަށް ފަސޭހައިން ފެތުރެ އެވެ. އިރުކޮޅަކު ލަސްވެލިޔަސް ފުރާނަ ނެތް އެތައް މަސްގަނޑެކެވެ. މާލެ ވެފައި މި ވަނީ "ކްރައިސިސް" އަކަށެވެ. ކުޅުދުއްފުށި އެ ވިސްނުމަށް ނަކަލު ކުރާނެ ކަމެއް ނެތެވެ.

ސާފުކޮށް ފެންނާން އޮތް ކަމަކީ އެއިން ދެން ވެސް އުފެދޭނީ އިތުރު މާލެއެކެވެ. މާލެ އޮތް ގޮތް އެ އޮތީ ފެންނާށެވެ. އަންނަން އޮތް ޖީލުތަކަށް ދޫކޮށްލަންވީ ދެން ވެސް އޭގެ މާލެތަކެއް ނޫނެވެ. މިހާރު މި ދެވޭ މިސްރާބާއި، ވިސްނުންތައް އަދި މުޅިއަކުން މާ ރަނގަޅެކޭ ނުބެލެވެ އެވެ. ވިސްނުމަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355