twitterviber whatsapp telegramfacebookyoutube instagram
28th April 2024

ފަހުވަގުތު ޖެހި ލަނޑާއެކު ކޮސްޓަ ރިކާއިން ޖަޕާން ބަލިކޮށްފި

މުޙައްމަދު އަހުމަދު
Nov 27, 2022

މިއަދު ހަވީރު ގްރޫޕް އީގައި ކޮސްޓަ ރިކާއިން އޭޝިއާގެ ގަދަބާރު ޖަޕާނު ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް އުއްމީދު އާކޮށްފި އެވެ.

މިފަހަރުގެ މުބާރާތުގައި ދަށް ޓީމުތަކުން ބޮޑެތި ގަދަބާރުތައް ބަލިކުރަމުން އަންނައިރު މިފަހަރު ގްރޫޕް އީގައި ޖަޕާނުން ވެސް ވަނީ ފުރަތަމަ މެޗުގައި 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު 2 - 1 ން ބަލިކޮށްފަ އެވެ.

އަނެއްކޮޅުން ކޮސްޓަ ރިކާ ވަނީ ފުރަތަމަ މެޗުން ސްޕެއިން އަތުން 7 - 0 ބޮޑު ތަފާތަކުން ބަލިވެފަ އެވެ. މިއަދުގެ މެޗުގައި ކޮސްޓަ ރިކާއިން ޖަޕާން ބަލިކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ.

މެޗުގައި ކޮސްޓަ ރިކާއިން ލަނޑު ޖެހީ ވެސް މެޗު ނިމެން 9 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކޮސްޓަ ރިކާއިން ލީޑު ނެގީ 81 ވަނަ މިނެޓުގަ އެވެ. ކޭޝީ ފުލާ ސްޕެންސް ޖަހައިދިން މިގޯލާއެކު ކޮސްޓަ ރިކާއަށް މިވަނީ ކުރިއަށް ދިއުމަށް އޮތް އުއްމީދު އާވެފަ އެވެ.

މީގެކުރިން ޖަޕާނާއި ކޮސްޓަ ރިކާ 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އެމެޗުތަކުގެ ތެރެއިން 3 މެޗުން ޖަޕާނު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ބައިނަލްއަގްވާމީ މެޗެއްގައި ކޮސްޓަ ރިކާއިން ޖަޕާން ބަލިކުރި މީ ފުރަތަމަ ފަހަރެވެ. ކުރިން ކުޅެވުނު 4 މެޗަކީ ވެސް ފްރެންޑްލީސް އެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗެއް ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ ޖަރުމަނާ ސްޕެއިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355