twitterviber whatsapp telegramfacebookyoutube instagram
28th April 2024

މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި

މުޙައްމަދު އަހުމަދު
Nov 27, 2022

ފީފާ ވޯލްޑްކަޕް 2022 ގައި މިރޭ މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި އެވެ.

މިރޭ ބެލްޖިއަމް އަތުން މޮރޮކޯ ހޯދި މޮޅަކީ އެގައުމުގެ ތާރީހުގައި ވޯލްޑް ކަޕުގައި ހޯދި 3 ވަނަ މޮޅެވެ. އަދި މިމޮޅު ހާއްސަވެގެންދަނީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓީމެއް ބަލިކުރެވުމުންނެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބެލްޖިއަމުންނެވެ.

ގޯލާ އަމާޒުކޮށް މޮރޮކޯއިން 4 ހަމަލާއެއް ފޮނުވާލިއިރު ބެލްޖިއަމަށް ފޮނުވާލެވުނީ 3 ހަމަލާ އެވެ. އަދި މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގެ ކުރީކޮޅު ވެސް ލަނޑެއް ފެނިގެންނުދާއިރު މެޗުގައި މޮރޮކޯއިން ލަނޑުތައް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ.

73 ވަނަ މިނެޓުގައި ލިބުނު ފްރީކިކަކުން މޮރޮކޯއަށް ލީޑު ނަގައިދިނީ އަބްދެލްހަމީދް ސަބީރީ އެވެ. ސަބީރީގެ މި ފްރީ ކިކަކީ ސީދާ ޑައިރެކްޓް ފްރީ ކިކަކުން މޮރޮކޯއިން ވޯލްޑްކަޕުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިފަހަރުގެ ވޯލްޑްކަޕުގައި ފްރީ ކިކަކުން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގައި މޮރޮކޯގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ އިތުރުވަގުތުގެ ތެރޭގަ އެވެ. 92 ވަނަ މިނެޓުގައި ޒަކަރިޔާ އަބޯލާލްގެ ލަނޑުން މޮރޮކޯއިން ވަނީ ބެލްޖިއަމް ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވާފަ އެވެ.

މިރޭ ކުރިއަށް ހުރި މެޗުތަކަށް ބަލާލާއިރު މިރޭ 9 ޖަހާއިރު ލޫކަ މޮޑްރިޗްގެ ކްރޮއޭޝިއާއިން ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. އަދި 12 ޖަހާއިރު ދުނިޔޭގެ ދެގަދަބާރުކަމަށްވާ ސްޕެއިނާއި ޖަރުމަނު ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355