ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމަށް އުރީދޫ ފުޓުބޯޅަ ފޯރި ސްޓިކާ ޕެކް ޓެލެގްރާމާއި ވައިބާއަށް ތައާރަފްކޮށްފިއެވެ. އެގޮތުން މިހާރު ޓެލެގްރާމާއި ވައިބާއިން މި ސްޓިކާ ޕެކް ޑައުންލޯޑުކުރެވޭނެއެވެ. ވޯލްޑް ކަޕާ ގުޅިގެން އުރީދޫން ދަނީ ގިނަ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން އެ ކުންފުނިން ވަނީ، ދިވެހި އެޕްލިކޭޝަނެއް ކަމަށްވާ "ގޯލްއާ"އާއެކު މުބާރާތެއް ކުރިއަށްގެންދިޔުމަށް އެއްބަސްވުމެއް ހަދާފައެވެ.
އެ މުބާރާތް ފަށާނީ ވޯލްޑްކަޕް ފެށި ދުވަހުއެވެ. އަދި ނަތީޖާ ދިމާކުރާ މީހުންގެ ލިސްޓެއް އެ އެޕުން އެކުލަވާލާނެއެވެ. އެއަށް ފަހު، މުބާރާތް ނިމުމުން، އެންމެ ގިނައިން ނަތީޖާ ރަނގަޅަށް ލަފާ ކުރި ހަތް މީހުންނަށް އިނާމުތައް ދޭނެއެވެ.
އެ މުބާރާތް ކާމިޔާބު ކުރާ މީހުންނަށް ދޭ އިނާމުތަކުގެ ތެރޭގައި އައިފޯން 14 އާއި މޫދުގައި ބޭނުންކުރާ ސާމާނާއި ގަޑިއާއި ރިސޯޓު ދަތުރު ވެސް ހިމެނެއެވެ.
ވޯލްޑްކަޕަށް އުރީދޫއިން ބާއްވާ އަނެއް ހަރަކާތަކީ ޕްލޭސްޓޭޝަނުން ފީފާ ފުޓްބޯޅަ ކުޅޭ މުބާރާތެކެވެ. އެ މުބާރާތް ބާއްވާނީ އުރީދޫއިން ވޯލްޑްކަޕް "ފޭން ޒޯން"ތައް ތައްޔާރު ކުރާ ސަރަހައްދުތަކުގެ ތެރެއިން ހަތަރު ސަރަހައްދެއްގައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. އެ މުބާރާތުން ވަނަތަކަށް ހޮވޭ މީހުންނަށް ޕީއެސް5 އާއި ޓީވީ ހޯދުމުގެ ފުރުސަތު އޮންނާއެވެ.
އުރީދޫއިން ވަނީ ކައުންސިލްތަކާ ގުޅިގެން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފޭން ޒޯންތައް ހަދަން ނިންމާފައެވެ. އެ ތަންތަނުގައި ވޯލްޑްކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.
މީގެ އިތުރުން ވޯލްޑްކަޕަށް ހާއްސަ ޑޭޓާ ޕެކްތަކެއް ވެސް އުރީދޫއިން ވަނީ މިއަދު އިއުލާންކޮށްފައެވެ. އެގޮތުން އެއް މަސް ދުވަހަށް ބޭނުން ކުރެވޭ ގޮތަށް، 100 ޖީބީގެ ޑޭޓާ 250 ރުފިޔާއަށް ލިބޭ ޕެކޭޖެއް ތައާރަފް ކުރާނެކަން އެ ކުންފުނިން ހާމަކުރިއެވެ.
އަދި ވޯލްޑްކަޕް ބަލަން ގަތަރަށް ދާ ދިވެހިންނަށް އެއް ޓީބީގެ ޑޭޓާ ލިބޭ ރޯމިން ޕެކޭޖެއް ވެސް އުރީދޫއިން އިއުލާންކުރިއެވެ. އެ ޕެކޭޖް ލިބެން ހުންނާނީ 1000 ރުފިޔާއަށެވެ.