ފީފާ ވޯލްޑްކަޕުގައި މިއަދު ހަވީރު ވިންސެންޓް އަބޫބަކާރުގެ މޮޅު ކުޅުމާއެކު ސާބިއާއާ އެއްވަރުކޮށް ކެމަރޫނުން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި އެވެ.
މިއަދު ހަވީރު 3 ޖެހިއިރު ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކެމަރޫނާއި ސާބިއާ ބައްދަލުކުރި މެޗު ނިމުނީ 3 - 3 ން އެއްވަރުވެގެންނެވެ.
މިމެޗުން އެއްވަރުވުމާއެކު މިދެޓީމަށް ވެސް އަމިއްލަ ބާރު ގެއްލުނު ނަމަވެސް ދެޓީމަށް ވެސް އަދި ދެވަނަ ބުރުގެ އުއްމީދު އެބައޮތެވެ. މިރޭ ބްރެޒިލާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ދެޓީމަށް އޮތް ފުރުސަތު ހަނިވުމަކީ ވެސް އެކަށީގެންވާ ކަަމެކެވެ.
މިއަދު ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެމަރޫނުންނެވެ. 29 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ކަސްޓެލެޓޯ ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާބިއާއިން ވަނީ މުޅި މެޗުގެ އޮއެވަރު ބަދަލުކޮށްލާފަ އެވެ.
އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޕަވްލޮވިޗްގެ ލަނޑުން ސާބިއާއިން އެއްވަރުކުރިއިރު އޭގެ ދެމިނެޓުފަހުން އެޓީމުގެ މިލިންކޮވިޗް ސަވިޗްގެ ލަނޑުން ސާބިއާއިން ލީޑު ނެގި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2 - 1 ން ސާބިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ މިޓްރޮވިޗްގެ ލަނޑުން ސާބިއާއިން ލީޑު ފުޅާކުރި އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްްގެ ގޮތުގައި ކުޅެން އަރާ ކެމަރޫނުގެ ވިންސެންޓް އަބޫބަކާރު ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ރޫހު ބަދަލުކޮށްލާފަ އެވެ.
އަބޫބަކާރުގެ މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާގެ ހުރަހަކުން މެޗު ނިމެން ކައިރިވެފައިވަނިކޮށް ކެމަރޫނުގެ ކެޕްޓަން ޗޮޕޯ މޯޓިން ވަނީ ކެމަރޫނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ކެމަރޫނުން ނަތީޖާ އެއްްވަރުކުރި ފަހުން ވެސް ސާބިއާއަށް ވެސް ލަނޑު ޖަހާނެ 2 ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އަބޫބަކާރު އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާއިން ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނައިރު ކެމަރޫނުން ނުކުންނާނީ ވޯލްޑްކަޕުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމުކަމަށްވާ ފަސް ފަހަރުގެ ޗެމްޕިއަން ތަރިންގެ ބްރެޒިލާ ދެކޮޅަށެވެ.
މިރޭ 9 ޖަހާއިރު ކުޅެވޭ މެޗުގައި ބްރެޒިލާ ސްވިޒަލޭންޑް ބައްދަލުކުރާއިރު ދަންވަރު 12 ޖަހާއިރު ޕޯޗުގަލުން ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.