ފީފާ ވޯލްޑް ކަޕްގައި މިރޭ އެފްރިކާގެ ގާނާއިން އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރުމަށް ކުރަމުން އައި އުއްމީދު އާކޮށްފި އެވެ.
ދެކުނު ކޮރެއާ 3 - 2 ން ބަލިކުރި ގާނާ ގްރޫޕުގެ ދެވަނައިގައި އޮތްއިރު އެއްވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އެވެ. މިރޭ ދަންވަރު ކުޅޭ މެޗުން ޕޯޗުގަލް މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީން ވާނެ އެވެ.
ދެކުނު ކޮރެއާއަށް އަމިއްލަ ބާރު މިރޭގެ ބައްޔަށްފަހު ގެއްލުނު ނަމަވެސް މިރޭ އުރުގުއޭއާ ޕޯޗުގަލް އެއްވަރުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރަށް ދަތުރުކުރުމަށް ރަނގަޅު ފުރުސަތެއް އޮންނާނެ އެވެ.
މިރޭގެ މެޗުގައި ކޮރެއާއިން ރަނގަޅު ކުޅުމަކާއެކު ފުރަތަމަ ހާފު ފެށި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގާނާއިންނެވެ. 24 ވަނަ މިނެޓުގައި މުހައްމަދު ސަލިސޫގެ ލަނޑުން އެޓީމު މެޗުގައި ލީޑު ނެގި އެވެ.
އޭގެ 10 ވަރަކަށް މިނެޓުފަހުން މުހައްމަދު ކުޑޫސްގެ ލަނޑު ލީޑު ފުޅާކުރިއިރު ގާނާއިން ފުރަތަމަ ހާފު ނިންމާލީ 2 - 0 ގެ ލީޑަކުން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން ކޮރެއާއިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ.
ނަތީޖާއެއްގެ ގޮތުން 58 ވަނަ މިނެޓުގައި ޗޯ ގުއެން ސުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނެވެ. އަދި އޭގެ ތިން މިނެޓުފަހުން ނަތީޖާ އެއްވަރުކޮށްދީ ގުއެން ސުން ވަނީ ކޮރެއާގެ ހިތްވަރާއި މެޗުގެ ރޫހު ގެނެސް މެޗުގެ ފޯރި އިތުރަށް ގަދަކޮށްލާފަ އެވެ.
ނަމަވެސް ކޮރެއާއަށް ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކަށެވެ. މުހައްމަދު ކުޑޫސްގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ 68 ވަނަ މިނެޓުގައި އޭނާ ވަނީ މުހިންމު ލަނޑެއް ޖަހައިދީ ގާނާއަށް 3 ޕޮއިންޓް ހޯދައިދީފަ އެވެ. އަދި މިއީ ވޯލްޑް ކަޕުގެ އެއް މެޗެއްގައި ގާނާއިން 3 ލަނޑު ޖެހި ފުރަތަމަ ފަހަރުވެސްމެ އެވެ.
މިރޭ ދެން އޮތް މެޗަށް ބަލާލާއިރު މި ގްރޫޕުގެ އަނެއް މެޗުގައި ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު ޔޫރަޕުގެ ގަދަބާރެއް ކަމަށްވާ ޕޯޗުގަލުން ނުކުންނާނީ ދެކުނު އެމެރިކާގެ އުރުގުއޭއާ ދެކޮޅަށެވެ.