ފީފާ ވޯލްޑް ކަޕުގައި ރޭ ބުރޫނޯ ފަނާންޑޭޒްގެ ދެގޯލުން އުރުގުއޭ ބަލިކޮށް މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލުން ވެސް ޔަގީންކޮށްފި އެވެ.
ލުސައިލް ސްޓޭޑިއަމްގައި ރޭ އުރުގުއޭގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފައްދާފަ އެވެ. އަދި އުރުގުއޭއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.
ބުރޫނޯ ފަނާންޑޭޒް ވެގެން ގޮސްފައިވަނީ ވޯލްޑްކަޕުގައި ދެގޯލާ ދެ އެސިސްޓް ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 1966 ވަނަ ހޯސޭ އޮގަސްޓޯއާއި ޓޮރެސް އެރެކޯޑް ހެދިފަހުން ރޭ މިވަަނީ ފަނާންޑޭޒް އެރެކޯޑް ހަދާފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު 0 - 0 ން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ބުރޫނޯ ފަނާންޑޭޒް ވަނީ 54 ވަނަ މިނެޓުގައި ޕޯޗުގަލަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ ފަހު އިތުރުވަގުތުގެ 3 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ވެސް ބުރޫނޯ އެވެ.
މިއަދު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ކުޅުން ފެށިގެންދާނެ އެވެ. އެގޮތުން މިރޭ 8 ޖަހާއިރު ގްރޫޕު އޭގެ ފަހު މެޗުގައި ނެދަލޭންޑްސްއިން ހޯސްޓް ގަތަރާއި ދެކޮޅަށް ނުކުންނައިރު އެކުއެޑޯއިން ނުކުންނާނީ ސެނެގާލާއި ދެކޮޅަށެވެ.
މިރޭ ދަންވަރު 12 ޖަހާއިރު އިރާނުން އެމެރިކާއާ ދެކޮޅަށް ނުކުންނައިރު ވޭލްސްއާ އިންގްލެންޑް ވެސް 12 ޖަހާއިރު ބައްދަލުކުރާނެ އެވެ.