twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޯހައުސްތަކުގެ ނިމުން ފާހަގަކުރަން ފައްޔާޒާއި އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ

ނަބީލާ އިސްމާޢީލް
Nov 29, 2022

ކުޅުދުއްފުށީ، ބަންޑާރަހިޔާގައި އިމާރާތްކޮށް ނިންމާލި ރޯހައުސްތައް ރަސްމީކޮށް ހަވާލުކުރުން ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މި ޖަލްސާ އޮންނަނީ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ރޭ، ބަންޑާރަހިޔާ ސަރަހައްދުގައި އެވެ.

މީގެ 11 އަހަރު ކުރިން ކުޅުދުއްފުށީގައި ހަދަން ފަށާފައި ހުރި މި ރޯހައުސްތައް ވީރާނާވާން ދޫކޮށްލާފައި ހުއްޓާ މިސަރުކާރުން އެތަންތަން މަރާމާތުކޮށް ހައްގުވެރިންނަށް ދަނީ ހަވާލުކުރަމުންނެވެ.

ރޯހައުސްތައް ހަވާލުކުރުމުގެ ކުލަގަދަ ރަސްމިއްޔާތަށް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

2021 ވަނަ އަހަރު ދޮންބޭޒްއާ ހަވާލުކޮށްގެން މަރާމާތުކުރަން ފެށި މި ހައުންސިން ޔުނިޓްތައް ނިންމާލީ މިއަހަރު އޮކްޓޯބަރުމަހު އެވެ. މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމާލިއިރު ސިޓީ ކައުންސިލުން އެދިގެން މިތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން އާންމުނަށް ފަސޭހަވާނެ ފަދައިން ހިތްފަސޭހަ މައިޒާނެއް ހިމަނައި ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ފުރާޅާއި ފައިދޮށް، އަދި ދިޔަދޮވިތަކާއެކު ސްޓްރަކްޗަރވެސް ބަދަލުކޮށްފައިވެ އެވެ.

އަދި ހަމައެއާއެކު ކުރިމައްޗަށް އިންނަ ރެއިލިންގ ވަކިކޮށް އެސްއެސްއަށް ބަދަލުކޮށް ހަމައެއާއެކު ތިރީ ބަޔަށް ފަންކަލެއް އިތުރުކުރެވި ޕާޓްޝަންގެ ގޮތުގައި ހުރި ތަންތަން ފާރަށް ބަދަލުކޮށްފައިވެ އެބެ. އޭގެ އިތުރުން ލަކުޑިން ހުރި ސިޑިތައް އެސްއެސްއަށް ބަދަލުކުރެވި މަތީގައި ލަކުޑި އަޅައިފައިވާކަމަށް މޭޔަރު އާތިފު ވަނީ ވިދާޅުވެފަ އެވެ.

މޭޔަރު ވިދާޅުވީ، ކުރީގައި ހުންނާނީ ސީލިންގތަކުން އެހެން ޔުނިޓްތައް ގުޅިފައިކަމަށާއި އެކަމަކު އެކަންތައްވެސް ބަދަލުކޮށް މިހާރު ހުންނާނީ ވަކިކުރެވިފައިވާކަމަށެވެ.

ޕްރޮޖެކްޓް ހަވާލުކުރެވުނު އަގަކީ 47 މިލިއަން ކަމަށާއި އެހެންނަމަވެސް މަސައްކަތް ނިމުނުއިރު ޕްރޮޖެކްޓްގެ އަގު 63 މިލިއަނަށް އަރާފައިވާ ކަމަށެވެ. ބަދަލުތައް ގެނެވި 16 މިލިއަން ރުފިޔާގެ މަސައްކަތް ސިޓީ ކައުންސިލަށް އިތުރުކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް އިތުރުކުރެވި އެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަގަކީ 19000 ރުފިޔާ އެވެ. މި ޕޭމަންޓް 2 މަހަށް ބަހާލައިގެން ދެއްކޭނެ ގޮތްވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ރޯހައުސްތަކުގެ މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355