twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސަރުކާރުން މަސައްކަތް ކުރަނީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް

ނަބީލާ އިސްމާޢީލް
Nov 29, 2022

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވާޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހްކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުއުގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ ގާނުނުތަކަށް ގެނެވުނު ބަދަލުތަކާއި، މަންމައަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް، އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި، މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިމާރާތްކުރާ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ގާއިމް ކުރާނެ ކަމަށެވެ.

ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާކަން ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ އާއިލާތަކާއިއެކުގައި ކަމަށްވުމާއިއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ.

އެހެންކަމުން މައިންބަފައިންނާއި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، މިކަމުގައި މުޅި މުޖުމައުގެ އެންމެން ބައިވެރިވުމަށް ގޮވާލެއްވިއެވެ.

ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020ގައެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355