twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޫލިބަލީގެ ޖާދުލާއެކު ސެނެގާލު ދެވަނަ ބުރަށް، އެކުއެޑޯ ކަޓައިފި

މުޙައްމަދު އަހުމަދު
Nov 29, 2022

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އޭގެ ފަހު މެޗުގައި މޮޅު ކުޅުމެއް ދެއްކި އެކުއެޑޯ ކަޓުވާލުމަށްފަހު ސެނެގާލު 20 އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދަަތުރުކޮށްފި އެވެ.

މިރޭ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު ސެނެގާލާއި އެކުއެޑޯ ބައްދަލުކުރި މެޗު 2 - 1 ން ކާމިޔާބުކުރީ ސެނެގާލުންނެވެ.

މިމޮޅާއެކު ގްރޫޕް އޭއިން ސެނެގާލާއި ނެދަލޭންޑްސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު އެކުއެޑޯއާއި މުބާރާތުގެ ހޯސްޓް ގަތަރު ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.

މިރޭ ސެނެގާލުން އެކުއެޑޯ ބަލިކުރި މެޗުގައި ސެނެގާލް ދެވަނަ ބުރަށް ގެންގޮސްދިނީ ކަލިޑޯ ކޫލިބަލީ އެވެ. މިއީ ސެނެގާލުން 2002 ގެ ވޯލްޑް ކަޕަށް ފަހު ވޯލްޑްކަޕެއްގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ހާފު ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން މެޗުގައި ލީޑު ނެގީ ސެނެގާލުންނެވެ. އިސްމާއިލާ ސާރގެ ލަނޑުން ސެނެގާލް ލީޑު ނެގި އެވެ. ނަމަވެސް ދެވަނަ ހާފު އެކުއެޑޯއިން ކުޅުން ރަނގަޅުކޮށް 67 ވަނަ މިނެޓޫގައި މޮއިސެސް ކައިސީޑޯގެ ލަނޑުން ނަތީޖާ ހަމަހަމަކުރި އެވެ.

މިމެޗުން އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެކުއެޑޯއަށް އޮތް ނަމަވެސް ނަތީޖާ އެއްވަރުކުރިތާ 3 މިނެޓުފަހުން ސެނެގާލުގެ ކެޕްޓަން ކަލިޑޯ ކޫލިބަލީ ވަނީ މެޗުން ސެނެގާލް މޮޅު ކޮށްދިން ގޯލު ޖަހައިދީފަ އެވެ.

އެކުއެޑޯއިން މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

މިރޭގެ އަނެއް މެޗުގައި ނެދަލޭންޑްސްއިން ގަތަރުގެ މައްޗަށް ކުރިހޯދީ 2 - 0 ންނެވެ. މިމެޗާ ހިސާބަށް އައިއިރު ވެސް ގަތަރު ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ. ގަތަރަކީ މިފަހަރުގެ ވޯލްޑްކަޕުގައި އެންމެ ފުރަތަމަ ކެޓި އަދި ވޯލްޑްކަޕުގެ ތާރީހުގައި ވެސް ހޯސްޓް ގައުމަކުން ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ގައުމެވެ.

މިރޭގެ މެޗުގައި ނެދަލޭންޑްސްގެ ލަނޑުތައް ޖަހައިދީފައިވަނީ 26 ވަނަ މިނެޓުގައި ކޮޑީ ގަކްޕޯއާއި 49 ވަނަ މިނެޓުގައި ފްރޭންކް ޑި ޔޮންގެވެ.

މިރޭ ވޯލްޑްކަޕުގެ ގްރޫޕު ބީގެ ފަހު މެޗުތައް ވެސް ކުޅެވޭނެ އެވެ. ދަންވަރު 12 ޖަހާއިރު ފުޓްބޯޅައިގެ ގަދަބާރު އިންގްލެންޑުން ވޭލްސްއާ ދެކޮޅަށް ނުކުންނައިރު އެމެރިކާއިން ނުކުންނާނީ އިރާނާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355