ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގައި ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ ސިޓީ ކައުންސިލަށް ބަލައިގަންނަ ގޮތަށް ނިންމައިފި އެވެ.
މި ފައިސާ ކައުންސިލަށް ބަލައިގަންނަ ގޮތަށް ނިންމާފައިވަނީ މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 79 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.
ޖަލްސާގެ ބަހުސްއަށް ހުޅުވާލަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާ ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ މިހާރު ދައްކަމުންދާ އަގަކީ އަކަފޫޓަކަށް 50 ރުފިޔާ ކަމަށެވެ. މިހާރު މި ފައިސާ ދައްކަމުންދަނީ މީރާއަށެވެ.
ނަމަވެސް ގަވައިދަށް އައި ބަދަލާ ގުޅިގެން ލާމަރުކަޒީ ނިޒާމު ފައްކާކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ސަރުކާރުންވަނީ ކައުންސިލްތަކަށް އެ ފައިސާ ބަލައިގަންނަ ގޮތަށް ބަދަލުކޮށްފަ އެވެ.
ބަހުސްގެ މަރުހަލާގައި ކައުންސިލަރު އާތިފާ އަލީ ވިދާޅުވީ ކުރިން މަރުކަޒީ ސަރުކާރަށް ލިބެމުން ދިޔަ އާމްދަނީއެއް މިކަމުގެ ތެރެއިން މަދުވެގެން ދިޔަ ނަމަވެސް މިފަދަ ބަދަލުތަކުގެ ސަބަބުން ކައުންސިލަށް މި ފައިސާ ވަނުމުން ކައުންސިލްގެ މާލިއްޔާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އާތިފާ ވިދާޅުވީ ކައުންސިލުން މި ފައިސާ ބަލައިގަންނަ ގޮތަށް ބަދަލުވި ނަމަވެސް އަގަށް ބަދަލުނުގެނެސް މިހާރުވެސް އަކަފޫޓަކަށް ނަގާ ގޮތަށް 50 ރުފިޔާގެ ރޭޓުން ނެގުމަށް އޭނާ ހުށަހެޅި އެވެ.
އެހެންކަމުން އާތިފާގެ މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން މިއަދުން ފެށިގެން ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގައި ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ ސިޓީ ކައުންސިލަށް ބަލައިގަންނަ ގޮތަށް ވަނީ ފާސްވެފަ އެވެ.