twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު ބިރުފުޅު ވަޑައިގެންނެވި ހާދިސާ

Dec 1, 2022

ޖިބްރީލްގެފާނަކީ، އަރަހުށި މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ ޚަލްޤު ކުރެއްވި މަޚްލޫޤެވެ. އެކަލޭގެފާނަކީ މަލާއިކަތް ބޭކަލުންގެ ތެރެއިން މާތް ﷲ އާއި އެންމެ އަރިސް ކަލޭގެފާނެވެ. އެންމެހައި ނަބިއްޔުންނާއި ރަސޫލުންގެ މަލަކޫތީ އެކުވެރިޔާއެވެ. އުޑުތަކުގައި ޖިބްރީލްގެފާނަށް ޙަމްދު ލިބިގެންވެއެވެ. އަދި އެންމެހައި މަލާއިކަތުން އެކަލޭގެފާނަށް ތަބާވެގެންވާ ކަމުގައިވެއެވެ. އެކަލޭގެފާނަކީ ވަޙީގެ އަމާނާތްތެރިޔާއެވެ. ޖިބްރީލްގެފާނަށް 600 ވަރަފުޅު ލިބިވަޑައިގެންފައިވާ ކަމުގައިވެއެވެ.

ގަދަކީރިތިވަންތަ މާތް ﷲ ގެ މި ފުރިހަމަ ގަފަދަ މަލާއިކަތާ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އިންނަވަނިކޮށް، ކުއްލިއަކަށް ވިލާތައް ދެފަޅިވެ، އުޑުން މަލާއިކަތް ބޭކަލަކު ފައިބާވަޑައިގަތެވެ. އަދި އެ މަލާއިކަތް ބޭކަލަކު، އެ ދެބޭކަލުންނާއި ދިމާލަށް އަންނަތަން ފެނިވަޑައިގަތެވެ.

އެއާއެކު ޖިބްރީލްގެފާނުގެ މޫނުފުޅުން ނުތަނަވަސްކަން ފާޅުވާން ފެށިއެވެ. މުޅިން ހިމޭންވިއެވެ. އިހުނަށްވުރެ ކުޑަވިއެވެ. މި ހުރިހާ މަންޒަރެއް ކީރިތި ނަބިއްޔާއަށް ފެނިވަޑައިގަތެވެ. އެ މަލާއިކަތާ ވަޑައިގެން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޟުރަތުން އައި ބަސްފުޅަކައިގެންނެވެ. ކަލޭގެފާނަށް، ދެ ކަމަކަށް ތިމަންކަލޭގެފާނު އިޚްތިޔާރު ދެމެވެ. ރަސްކަލެއް ފަދަ ނަބީއެއްގެ ދަރަޖައިގައި، ދުނިޔޭގެ އެންމެހާ އުފާތަކާއި، އާރާއި، ބާރާއި، ހިސާބެއް ނެތްފަދަ ނިޢުމަތް ތަކާއެކު ކަލޭގެފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވުމާއި، އާދައިގެ އަޅެއްގެ ދަރަޖައިގެ ހާލަތުގައި ކަލޭގެފާނުގެ ދިރިއުޅުން ވޭތުކުޅައުމާއި ދެމެދު އިޚްތިޔާރު ކުރަމަށެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިޚްތިޔާރު ކުރެއްވީ، އަޅެއްގެ ދަރަޖައިގެ ހާލަތުގައި ދިރިއުޅުން ވޭތުކުޅައުމަށެވެ. ދެން އެ މަލާއިކަތާ، އެ ޖަވާބާގެން އެނބުރި ވަޑައިގެންނެވިއެވެ. އެއާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖިބްރީލްގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު އެ ވަޑައިގެންނެވުމުން، ބިރުފުޅު ވަޑައިގަތީ ކީއްވެތޯއެވެ؟ ޖިބްރީލްގެފާނު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. މިއީ މީގެކުރިން ދުވަހަކުވެސް ދުނިޔޭގެ ބިމަށް ފައިބާވަޑައިގަތް ބޭކަލެއް ނޫނެވެ. ﷲ ގަންދީ ދަންނަވަމެވެ.

އެބޭކަލަކު ފެނިލެއްވުމާއެކު، ތިމަންކަލޭގެފާނު ހީފުޅުކުރެއްވީ ދުނިޔޭގެ ނިމުން އައިސް ޖެހުނީކަމަށެވެ. ޤިޔާމަތުގެ އިޢުލާނު ކުރެއްވުމަށް އެކަލޭގެފާނު ވަޑައިގަންނަވަނީ ކަމަށެވެ. ފަހެ، އެއީ އިސްރާފީލް ޢަލައިހިއްސަލާމެވެ.

އިސްރާފީލް ގެފާނަކީ، ޤިޔާމަތްވާ ހިނދު ތާޅަފިލި ފުންމާލެވޭ މަލާއިކަތާއެވެ. މާތް ﷲ އިސްރާފީލްގެފާނު ޚަލްޤު ކުރެއްވީއްސުރެ، އެކަލާނގެ އަމުރުފުޅަށް ތާޅަފިލި ފުމެލެއްވުމަށް އިސްރާފީލް ގެފާނު ހުންނެވީ ތައްޔާރަށެވެ. އެކަލޭގެފާނު ދުނިޔޭގެ ބިމަށް ފައިބާވަޑައިގަތުމުން، ޖިބްރީލް ގެފާނު ބިރުފުޅު ވަޑައިގަތުމީ، ވިސްނާ ފިކުރު ކުރާ މީހަކަށް މިހާދިސާއިން ކިތަންމެ ޢިބުރަތެއް ލިބޭނޭ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355