ޓިކެޓާއި ނުލާ ވޯލްޑްކަޕް ބަލަން އަންނަ މީހުންނަށް އޮންނަ މެޗަށް ވަނުމުގެ އެންޓްރީ ގަވައިދު ގަތަރުން ބަދަލުކޮށްފި އެވެ.
ގަލްފުގައި އޮންނަ ގަތަރަކީ ސައިޒުގެ ގޮތުން ބަލާއިރު 1954 ވަނަ ސްވިޒަލޭންޑަށް ފަހު ވޯލްޑް ކަޕް ހޯސްޓްކުރާ އެންމެ ކުޑަ ގައުމެވެ. އަދި މިގައުމަށް މެޗު ބަލަން ވަދެވެނީ 3 ޝަރުތެއްގެ މަތިންނެވެ.
ގްރޫޕް ސްޓޭޖް ނިމުމުން ގަތަރުން ބޭރުން މުބާރާތް ބަލަން އަންނަ އިންޓަނޭޝަނަލް ވިޒިޓަރުންނަށް ޓިކެޓާ ނުލާ ވަދެވޭނެ އެވެ. ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ މެޗު ބަލަން އަންނަ މީހުންގެ 3 ޝަރުތެއް ފުރިހަމަ ވާނަމަ މެޗު ބަލަން ވަދެވޭނެ ކަމަށް ބުނެފަ އެވެ.
އެއީ ހޮޓެލްއެއް ބުކްކޮށްފައިވުމުގެ އިތުރުން ހައްޔާ ކާޑެއް އޮތުމާއި 500 ގަތަރީ ރިޔާލް (505 ދިރުހަމް) ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 2101 ރުފިޔާގެ ފީއެއް ދައްކާފައި އޮތުމެވެ.
ގާތްގަނޑަކަށް 1.2 މިލިއަނެއްހާ އިންޓަނޭޝަނަލް ވިޒިޓަރުން ގަތަރަށް މިފަހަރުގެ ވޯލްޑް ކަޕަށް ޒިޔާރާތް ކުރާނެކަމަށް ބެލެވޭއިރު 64 މެޗު ކުޅެވޭ މިމުބާރާތުގެ ޓިކެޓް ސޭލަށް ވެސް ގާތްގަނޑަކަށް 3 މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ގަތަރުގެ އެކޮމޮޑޭޝަން ލިމިޓްވެފައި އޮތްއިރު އެކޮމޮޑޯޝަނަށް ވަރަށް ޑިމާންޑް ބޮޑެވެ. ޑިމާންޑް އެންމެ ބޮޑީ 32 ޓީމު ގްރޫޕް ސްޓޭޖުގައި ވާދަކުރާ ދުވަސްވަރު އެވެ. ނަމަވެސް 16 ޓީމު ދެވަނަ ބުރަށް ދަތުރުކުރުމާއެކު 3 ޑިސެމްބަރުގައި ދެވަނަ ބުރު ފެށުމުން ކުޑަވަރެއްގެ ލުއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ/
އޭޕީއިން އަންނަނީ ފޭނުންނަށް ގަތަރުގެ އަވައްޓެރި ގައުމުތަކުގައި މަޑުކުރުމަށްފަހު މެޗުތަކަށް ދޯހާއަށް އައުމަށް ހިތްވަރު ދެމުންނެވެ. މުބާރާތުގެ ފައިނަލް އޮންނާނީ ޑިސެމްބަރު 18 ގަ އެވެ. އެއީ ގަތަރުގެ ގައުމީ ދުވަސް ވެސް މެ އެވެ.