ފީފާ ވޯލްޑް ކަޕުގައި މިރޭ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލްގެ މައްޗަށް ކެމަރޫނުން ކުރިހޯދިއިރު ސާބިއާ ކަޓުވާލާ ސްވިޒަލޭންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މިރޭ ކުޅެވުނު ގްރޫޕް ޖީގެ ފަހު މެޗުތަކަށް ފަހު ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތް ބްރެޒިލުންނެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތް ސްވިޒަލޭންޑް ވެސް ދެވަނަ ބުރަށް ދަތުރުކުރިއިރު ބްރެޒިލަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލައިގެންނެވެ.
ކެމަރޫން 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު ސާބިއާ އޮތީ އެންމެ ޕޮއިންޓަކާއެކު ފުލުގަ އެވެ. މިރޭ ބްރެޒިލް އަތުން ކެމަރޫން މޮޅުވިއިރު ކެމަރޫން ވެގެން ގޮސްފައިވަނީ ބްރެޒިލް ބަލިކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ.
މިރޭ ބްރެޒިލްގެ މައްޗަށް ކެމަރޫން ކުރިހޯދީ 1 - 0 ންނެވެ. މިމެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ޑެނީ އަލްވޭސް ކުޅުނުއިރު އޭނާ އަކީ ވޯލްޑް ކަޕެއްގައި ބްރެޒިލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުން 39 އަހަރެވެ.
ބްރެޒިލްގެ ހަމަލާތައް ކެމަރޫނުން ދިފާއުކުރިއިރު ބްރެޒިލުގެ ގޯލަށް ކެމަރޫނަށް މާ ގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޖެރޯމް ބެކެލީގެ ހުރަހަކުން ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު އެޓީމަށް ލީޑު ނަގައިދިނެވެ. މިމެޗުގައި އަބޫބަކާރަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ގްރޫޕުގެ ދެވަނަ ހޯދި ސްވިޒަލޭންޑުން ސާބިއާ ބަލިކުރީ ފޯރިގަދަ މެޗަކަށްފަހު 3 - 2 ންނެވެ. 20 ވަނަ މިނެޓުގައި ޝަގީރީގެ ލަނޑުން ސްވިޒަލޭންޑުން ލީޑު ނެގި އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ސާބިއާއިން ނަތީޖާ އަނބުރާލާ މެޗުގެ އޮއެވަރު ބަދަލުކޮށްލި އެވެ.
އަލެކްސަންޑަ މިޓްރޮވިޗް ސާބިއާއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު ޑޫސާން ވްލަހޯވިޗް ވަނީ ސާބުއާއަށް ލީޑު ނަގައިދީފަ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޑްމާގެ ހުރަހަކުން ބްރީލް އެމްބޯލޯ ވަނީ ސްވިޒަލޭންޑަށް އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފު 2 - 2 ން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ ރުބެން ވާގަސްގެ އެސިސްޓަކުން ރެމޯ ފްރެއޮލާ ވަނީ ރީތި ލަނޑެއް ޖަހައިދީ ސްވިޒަލޭންޑް ދެވަނަ ބުރަށް ގެންގޮސްދީފަ އެވެ.
މާދަމާ ދެވަނަ ބުރު ފެށޭއިރު ފުރަތަމަ މެޗުގައި 8 ޖަހާއިރު އެމެރިކާއާއި ނެދަލޭންޑްސް ކުޅޭއިރު އާޖެންޓީނާއިން 12 ޖަހާއިރު އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.