ވޯލްޑްކަޕުގައި ސެނެގާލުން ފީފާގެ ގަވައިދުތަކާއި ހިލާފުވުމާ ގުޅިގެން ފީފާއިން އެގައުމު 8700 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.
2 - 1 ން އެކުއެޑޯ ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރި ސެނެގާލުން އެކުއެޑޯ މެޗުގެ ކުރިން ކަންތައް ކުރިގޮތުން ސެނެގަލީސް ފުޓްބޯޅަ ފެޑެރޭޝަން ވަނީ ހޫނުފެނަށް ވެއްޓިއްފަ އެވެ.
ސެނެގާލުގެ ކޯޗު އަލިއޫ ސީސޭ މެޗުގެ ޕްރި މެޗް ކޮންފަރެންސަށް ހާޒިރުވީ ސްކޮޑުގެ ކުޅުންތެރިއަކާ ނުލަ އެވެ. ފީފާގެ ގަވައިދުތައް ބުނާގޮތުން ކޮންމެ މެޗެއްގެ އެއް ދުވަސް ކުރިން ކޮންމެ ޓީމަކުން ވެސް މެއިން މީޑިއާ ސެންޓަރުގެ ދެ ކޮންފަރެންސް ރޫމުގެ ތެރެއިން ކޮންމެވެސް އެއް ރޫމެއްގައި ޕްރެސްއެއް ބާއްވަން ޖެހޭނެ އެވެ. އަދި ޓީމުގެ ހެޑް ކޯޗާއި އެއް ކުޅުންތެރިޔަކު ހާޒިރުވާން ޖެހޭނެ އެވެ.
ސީސޭ އެކަނި ޕްރެސްއަށް ދިއުމުން ފީފާއިން ވަނީ އެގައުމު ޖޫރިމަނާކުރިކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. ފީފާއިން ނެރުނު ބަޔާނުގައިވަނީ އެއިދާރާގެ ޑިސިޕްލިނަރީ ކޮމެޓީން ސެނެގަލީސް ފުޓްބޯޅަ ފެޑެރޭޝަން 10000 ސްވިސް ފްރާންކުން (163205.74 ދިވެހި ރުފިޔާ)އިން ޖޫރިމަނާކޮށް އަދި ފީފާ ވޯލްޑް ކަޕު ގަތަރު 2022 ގެ ގަވައިދުތަކުގެ އާޓިކަލް 44 އާއި މީޑިއާ އެންޑް މާކެޓިން ގަވައިދުގެ އާޓިކަލް 2.7.2 އާއި ޓީމް ހޭންޑް ބުކްގެ އާޓިކަލް 8.5.3 އާއި ހިލާފުވެފައިވާތީ އިންޒާރުދޭ ކަމަށް އެބަޔާނުގައިވެ އެވެ.
މިހުރިހާ ހިލާފުވުންތަކެއް ވެސް ގުޅެނީ 28 ނޮވެމްބަރުގައި އެކުއެޑޯ ސެނެގާލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސާ އެވެ. ޕްރެސް ކޮންފަރެންސްގެ ގަވާއިދާ ހިލާފުވެފައިވަނީ ހަމައެކަނި ސެނެގާލަކުން ނޫނެވެ.
ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ވެސް ސްޕެއިން މެޗުގެ ކުރިން ވަނީ ފީފާގެ ގަވައިދާ ހިލާފަށް އަމަލުކޮށްފަ އެވެ. އޭނާ ބުނީ މީޑިއާ ސެންޓަރަށް ދާން ނަގާ 3 ގަޑިއިރުގެ ރައުންޑް ޓްރިޕަށް ބޮޑު މެޗެއްގެ ކުރިން ގަތަރުގެ އުތުރުކޮޅުގައި އިންނަ އެމީހުން ބޭސްއިން ކުޅުންތެރިއަކު ގެންދަން މަޖުބޫރުކުރަން އޭނާ ބޭނުންނުވީ ކަމަށެވެ.
ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު އެގައުމުން މިމަހުގެ 5 ވަނަ ދުވަހުގެ ދަންވަރު 12 ޖަހާއިރު ދެވަނަ ބުރުގައި ނުކުންނާނީ ގަދަފަދަ އިނގިރޭސިންނާއި ދެކޮޅަށެވެ.