ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރެވޭ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި އެވެ. މި ހަރަކާތް އިފްތިތާހުކުރުމަށް މިއަދު ހަވީރު އަފީފުއްދީން ސްކޫލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ހަރަކާތް އިފްތިތާހު ކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު އާތިފް އެވެ.
މި ރަސްމިއްޔާތު ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަންސް ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ)ގެ އަހުމަދު މުހައްމަދު ވިދާޅުވީ މާލެ ފިޔަވާ ރާއްޖޭގެ 2 ސަރަހައްދެއްގައި ޕެރަލިމްޕިކްގެ ހަރަކާތްތައް އޮންނާނެ ކަމަށާއި އެގޮތުން އުތުރަށް ކަނޑައެޅިފައިވާ ރަށަކީ ކުޅުދުއްފުށީ ކަމަށާއި އަދި ދެކުނަށް ކަނޑައެޅިފައިވާ ރަށަކީ ފޯއްމުލައް ކަމަށެވެ.
މިއަދު ފާހަގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަހާ ގުޅުވައިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. މިހަރަކާތުގައި ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުގެ ސްކޫލްތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވަނީ ބައިވެރިވެފަ އެވެ.
ދިރާގުގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލް އަދި މޯލްޑިވްސް އެސޯސިއޭޝަންސް ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީގައި އިއްޔެވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މެޑިކަލް ކޭމްޕެއްވެސް ފަށާފަ އެވެ.
މި ކޭމްޕްގައި ކުޅުދުއްފުށީގެ 90 ފަރާތްތަކާއި ސަރަހައްދުގެ ރަށްތަކުން ނުކުޅެދުންތެރިކަން ހުންނަ 45 ފަރާތެއް ބައިވެރިވެ އެވެ. މި ކޭމްޕްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ޑޮކްޓަރުންނާ ކަމާ ގުޅުން ހުރި ތަޖުރިބާކާރުން ބައިވެރިވެލައްވަ އެވެ.