ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަކުރަން އަންނަ އަހަރު ބާއްވާ އެ މުބާރާތުގައި އެހެން ރަށްރަށުގެ ޓީމުތައް ބައިވެރިކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
ޓީމުތަކުގެ މެދުގައި ގުރުއަތުނެގުމަށް މިރޭ ސިޓީ ކައުންސިލް އިމާރާތުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މުބާރާތް ހުޅުވާލީ 8 ޓީމަށް ފުރުސަތު ލިބޭގޮތަށް ނަމަވެސް ބައިވެރިވީ 5 ޓީމަކުން ކަމަށެވެ. އެއީ ބޮޑު ފުޓްބޯޅަގައި އަބަދުވެސް ބައިވެރިވާ ޖަމިއްޔާތަކުންކަން ފާހަގަކުރެއްވި އެވެ.
އެހެންވުމުން އަންނަ އަހަރު މިމުބާރާތަށް އެހެން ރަށްރަށުގެ ޓީމުތަކަށް ދައުވަތު ދިނުމުގެ ވިސްނުން ގެންގުޅޭކަމަށް މޭޔަރު ހާމަކުރެއްވި އެވެ. އަދި އެހެންވުމުން މުބާރާތް އިތުރަށް ފޯރިގަދަވެ ރަށުގެ ކުޅުންތެރިންނަށްވެސް ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
މިރޭ ބޭއްވި ގުރުއަތުނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަށުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑުންކަމަށްވާ އަހުމަދު އާދަމް(ސޭކޭ) އާދަމް މުހައްމަދު އަދި ޝައުދު ބައިވެރިވި އެވެ.
މޭޔަރުގެ އިސްނެގުމަށް ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ އިނާމެއް އަދި ރަނަރއަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވާ ހުޅުވާލި މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ 5 ޓީމަކުންނެވެ.
ބައިވެރިވެފައިވާ ޓީމުތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)، ކުލަބް ކޮރަލް، ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސް އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިޔަށްދާނެ، ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅުދުއްފުށިގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތަތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އތުރުކޮށް، ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި، ރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަކަށްވެފައި، ކުޅުދުއްފުއްޓަކީ ގައުމީ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުމާއި ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުން އަދި ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ހިމެނެ އެވެ.
މިއީ މިގޮތަށް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ ސްޕޮންސަރކޮށްފައިވަނީ އެމްޓީސީސީންނެވެ. ކޯ ސްޕޮންސަރަކީ ފެނަކަ އެވެ.