twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމެރިކާ ކަޓުވާލާ ނެދަލެންޑްސްއިން ކުއާޓާގެ ފުރަތަމަ ޖާގަ ހޯދައިފި

މުޙައްމަދު އަހުމަދު
Dec 3, 2022

ފީފާ ވޯލްޑްކަޕް 2022 ގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފެށުނުއިރު ފުރަތަމަ މެޗުގައި ނެދަލޭންޑްސް އިން އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މިރޭ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ނެދަލޭންޑްސްއިން އެމެރިކާ ބަލިކުރީ 3 - 1 ންނެވެ. އެމެރިކާއިން މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމުން އުފެއްދި ހަމަލާތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މެޗުގައި އެމެރިކާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިރޭގެ ބައްޔާއެކު އެޓީމަށް މިވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ނެދަލޭންޑުންނެވެ. 10 ވަނަ މިނެޓުގައި މެމްފިސް ޑިޕާއީ ނެދަލޭންޑްސްގެ ފުރަތަމަ ގޯލު ކާމިޔާބުކުރި އެވެ.

އެމެރިކާގެ ޓިމޮތީ ވެއާއަށް ނެދަލޭންޑްސްގެ ލަނޑަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ވެއާ ފޮނުވާލި ހަމަލާ ކީޕަރު ނޮޕާޓް ވަނީ ދިފާއުކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑޭލީ ބްލައިންޑް ވަނީ ނެދަލޭންޑްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2 - 0 ން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އެމެރިކާއިން ކުޅުން ރަނގަޅު ކޮށް ބަދަލުތަކަކާއެކު ނުކުމެ ލަނޑުޖަހަން ވަރަށް މަސައްކަތްކުރި އެވެ. އެމެރިކާއިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 76 ވަނަ މިނެޓުގައި އެވެ. ކްރިސްޓިއަން ޕުލިސިޗްގެ ހުރަހަކުން ހާޖީ ރައިޓް ފޮނުވާލި ބޯޅަ ހުއްޓުވުމަށް ކީޕަރު ނޮޕާޓްއަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ނަމަވެސް ނޮޕާޓް ވަނީ އޭގެއިރުކޮޅެއް ފަހުން ރައިޓް ނަތީޖާ ހަމަހަމަކުރުމަށް ފޮނުވާލި ބޯޅަ ދިފާއުކޮށްފަ އެވެ. މެޗުގައި ނެދަލޭންޑްސްއަށް ހަމަޖެހެވުނީ 81 ވަނަ މިނެޓުގައި އެޓީމުން ޖެހި ގޯލާއެކު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ނެދަލޭންޑްސްއިން ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ މިރޭ ކުޅެވޭ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ދެވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު ލިއޮނަލް މެސީގެ އާޖެންޓީނާއިން ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355