ފީފާ ވޯލްޑްކަޕުގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު ދެވަނަ މެޗުގައި ލިއޮނަލް މެސީގެ ޖާދުލުން އޮސްޓްރޭލިއާ ކަޓުވާލާ އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފި އެވެ.
ލިއޮނަލް މެސީގެ ފަރާތުން ރޭ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗަކީ އެތައް ގޮތަކުން އޭނާއަށް ހާއްސަވި މެޗެކެވެ. ކެރިއަރުގެ 1000 ވަނަ މެޗުގެ އިތުރުން އާޖެންޓީނާ ކެޕްޓަނުގެ ގޮތުގައި އޭނާ ކުޅުނު 100 ވަނަ މެޗެވެ.
ރޭގެ މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާއިން ލަނޑު ޖަހާ ލީޑު ނެގީ މެސީގެ ލަނޑުންނެވެ. މިލަނޑާއެކު މެސީ ވަނީ ވޯލްޑްކަޕުގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރެޑޯނާ ޖެހި ގޯލުގެ އަދަދަށްވުރެ ގިނަ ލަނޑު ހަމަކޮށްފަ އެވެ. މަރަޑޯނާ 8 ލަނޑު ޖަހައިފައިވާއިރު މެސީ ވަނީ ރޭގެ ލަނޑާއެކު 9 ލަނޑު ހަމަކޮށްފަ އެވެ. ވޯލްޑްކަޕުގައި އާޖެންޓީނާގެ ލީޑް ޓޮޕް ސްކޯރާ ގެބްރިއެލް ބަޓިސްޓޫޓާއާ ހަމަކުރަން މެސީއަށް ބޭނުންވަނީ ބާކީ އެންމެ ލަނޑެކެވެ.
އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި މެސީ 35 ވަނަ މިނެޓުގައި ލީޑު ނަގައިދިންއިރު އެއީ ނޮކްއައުޓް ބުރުގައި މެސީގެ ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފު ނިމުނީ 1 - 0 ން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން ވެސް އާޖެންޓީނާއިން ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.
އަދި އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޖޯ އަލްވަރޭޒްގެ ލަނޑުން އާޖެންޓީނާއިން ލީޑު ފުޅާކުރި އެވެ. އާޖެންޓީނާގެ ދެވަނަ ލަނޑާއެކު އޮސްޓްރޭލިއާއިން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅު ކުރި އެވެ. އަދި ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނެޓުގައި ކްރެއިގް ގުޑްވިން ފޮނުވާލި ބޯޅަ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަނެވެ.
ނަތީޖާ ހަމަހަމަކުރުމަށް އޮސްޓްރޭލިއާއިން އެޓޭކްތައް ވަރުގަދަކޮށް އިތުރަށް ކުރިއަށް ޖެހި ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. މެޗުގައި އާޖެންޓީނާއަށް ވެސް ވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ކާމިޔާބެއް ނުވި އެވެ.
އާޖެންޓީނާއިން ކުއާޓާ ފައިނަލުގައި ނުކުންނާނީ ރޭ އެމެރިކާ ބަލިކޮށް ކުއާޓާގެ ފުރަތަމަ ޖާގަ ހޯދި ނެދަލޭންޑްސް އެވެ. ދެވަނަ ބުރުގެ އިތުރު މެޗުތައް މިރޭ ވެސް ކުޅެވޭއިރު ރޭގަނޑު 8 ޖަހާއިރު އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ޕޮލެންޑާއި ދެކޮޅަށް ނުކުންނައިރު އިންގްލެންޑުން މިރޭ ދަންވަރު 12 ޖަހާއިރު އެފްރިކާގެ ޗެމްޕިއަން ސެނެގާލާއި ދެކޮޅަށް ނުކުންނާނެ އެވެ.