ފީފާ ވޯލްޑް ކަޕުގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ހިތްދަތި ގޮތަކަށް ޓިއުނީޝީއާ އަތުން ބަލިވި މެޗުގައި އެގައުމުގެ ލިވަޕޫލް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ މޮޅު ކުޅުމެއް ދައްކާ ވޯލްޑްކަޕުގެ ރެކޯޑެއް މުގުރާލުމާއެކު ދެވަނަ ބުރުގައި މިއަދު ޕޮލެންޑާއި ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 ގައި އެރުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މިހާތަނަށް ވޯލްޑް ކަޕް މެޗެއްގައި އެއް މެޗުގައި ހެދި އެންމެ ގިނަ ޓެކްލްސްއާއެކު ކޮނާޓޭ ވަނީ ފްރާންސްގެ ކޯޗު ޑިޑިއާ ޑެޝޯމްޕްސްއަށް ސެލެކްޝަންސްގައި އިތުރު އުދަނގުލެއް ކުރިމަތިކުރުވާފަ އެވެ.
ދެވަނަ ބުރަށް ފްރާންސް ދަތުރުކުރި ކަން ޔަގީން ވުމާއެކު ޓިއުނީޝީއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗު ހިތްހަމަޖެއްސުމަށް ފުރުސަތު ދެވުނު ގިނަ ކުޅުންތެރިންގެ ތެރޭގައި ކޮނާޓޭ ހިމެނެ އެވެ.
ނަމަވެސް އެފުރުސަތު ދެވުނު ގިނަ ކުޅުންތެރިންތަކަކަށް ކޯޗު އިމްޕްރެސް ނުކޮށްލެވުނު ނަމަވެސް 1 - 0 ބަލިވި މެޗުގައި ކޮނާޓޭގެ މޮޅު ކުޅުން ޑެޝޯޕްމްސްއަށް ފާހަގަވި އެވެ. މަތިން ރޭޓްކުރެވިފައިވާ 23 އަހަރުގެ ކޮނާޓޭ ވަނީ މެޗުގައި 10 އަކަށްވުރެ ގިނަ ޓެކްލްކޮށް މެޗުގައި ހައިރާންކުރަވަނިވި މޮޅު ކުޅުމެއް ދައްކާލާފަ އެވެ. މިއީ އެއްވެސް ކުޅުންތެރިޔަކަށް މިފަހަރުގެ ވޯލްޑްކަޕުގައި ވެސް އަދި ގާތްވެސް ކޮށްލެވިފައިނުވާ ރެކޯޑެކެވެ.
ކޮނާޓޭގެ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު މެޗަށްފަހު އޭނާއަށް ލިބުނުއިރު އެމެޗުން ފްރާންސްވީ ބައްޔެވެ. ވީއޭއާރުން އެންމެފަހު ވަގުތު އެންޓުއާން ގްރީޒްމަން ޖެހި ލަނޑު ބަލައިނުގަތުމުން އެމެޗުން ފްރާންސް ބަލިވީ އެވެ.
ކޮނާޓޭގެ ކުޅުމާއެކު ލިިވަޕޫލުގެ ފޭނުންނާއި އެކުލަބުން ވެސް އޭނާގެ ކުޅުމާމެދު ހިތްހަމަޖެހޭނެ އިރު މިއާއެކު ޑެޝޯމްޕްސްއަށް ވެސް މެޗުގައި ސެލެކްޝަންގެ އުދަނގޫ ކުރިމަތިވާނެ އެވެ. މިކުޅުމާއެކު ކޯޗުގެ ރޭވުންތަކުގައި ކޮނާޓޭ ހިމެނޭނެއިރު މިއާއެކު ބަޔާންއަށް ކުޅޭ ފްރާންސްގެ ޑަޔޮޓް އުޕެމެކާނޯއަށް ދެރަ ހަބަރަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. އޭނާ ވަނީ ފްރާންސްގެ ފުރަތަމަ ދެމެޗުގައި ކުޅެފަ އެވެ.
އަދި ރަފައެލް ވަރާންގެ ޖާގައަށް ވެސް މިކަމުން އަސަރުކުރުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ޓިއުނީޝިއާ މެޗުގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލިބާ ވެސް ވަނީ ފުރަތަމަ 11 އަށް ކުޅެވޭވަރުގެ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭނާގެ ޕްރިމިއާ ލީގުގެ ސީޒަންގައި ވެސް އޭނާ ވަނީ ވިދާލާފަ އެވެ.
ކޮނާޓޭއާއި ސަލިބާ ފުރަތަމަ އެގާރައަށް ކުޅުމަށް ވިއްދާނެއިރު ޑެޝޯމްޕްސް އުޕެމެކާނޯއާއި ވަރާން ވެސް ޕޮލެންޑް މެޗަށް އެރުވުމުގެ ފުރުސަތު އެބައޮތެވެ. އޭރުން ޕްރިމިއާ ލީގުގެ އަރަމުން އަންނަ ދެތަރިންނަށް އެހާ އުފާވެރި ހަބަރަކަށް ނުވާނެ އެވެ.