ފީފާ ވޯލްޑްކަޕުގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ދެވަނަ ބުރުގައި ޕޮލެންޑު ކަޓުވާލާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިމެޗުގައި ފްރާންސްގެ އޮލިވިއާ ޖިރޫޑް ވަނީ ރެކޯޑެއް ވެސް މުގުރާލާފަ އެވެ.
ލެވަންޑޮސްކީގެ ޕޮލެންޑުގެ މައްޗަށް ފްރާންސުން މިރޭ ކުރިހޯދީ 3 - 1 ން ފަސޭހަކަމާއެކު އެވެ. މުޅިމެޗު އެއްކޮށް ކޮންޓްރޯލްކޮށްގެން ފްރާންސުން ކުޅުނުއިރު މެޗުގައި ޕޮލެންޑުން ފެށުން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ގިނަ ޕާސްތަކެއް މިސްވިއިރު ފްރާންސުން މެޗު އެއްކޮށް ޑޮމިނޭޓްކުރި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސުން ލީޑު ނެގި އެވެ. 44 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ އޮލިވިއާ ޖިރޫޑެވެ. މިލަނޑާއެކު ޖިރޫޑް ވެގެންގޮސްފައިވަނީ ފްރާންސްގެ ގައުމީ ޓީމަށް އެގައުމުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ގްރޫޕް ސްޓޭޖުގައި ޖެހި ލަނޑާއެކު ތިއެރީ އޮންރީގެ 51 ލަނޑާ ޖިރޫޑް ހަމަކުރިއިރު މިރޭ ލަނޑުޖަހާ އޭނާ ވަނީ އެރެކޯޑް މުގުރާލާފަ އެވެ.
ދެވަނަ ހާފުގައި ޕޮލެންޑުން ކުޅުން ރަނގަޅުކުރި އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 74 ވަނަ މިނެޓުގައި އަނެއްކާވެސް ފްރާންސުން ލީޑު ފުޅާކުރި އެވެ. އޭރިއާ ތެރެއިން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ހުއްޓުވަން ކީޕަރު ޝެޒްނީއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މެޗުގައި ފްރާންސް ޓީމުގެ އެންޓުއާން ގްރީޒްމަންގެ ފަރާތުން ފެނުނު ކުޅުމަކީ ތައުރީފު ހައްގު ކުޅުމެކެވެ. ގްރީޒްމަން އަންނަނީ ކޮންމެ މެޗެއްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިރޭ ވެސް ގްރީޒްމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގައި ފްރާންސްގެ 3 ވަނަ ލަނޑު 91 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖެހި އެމްބާޕޭ އެވެ. އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ޕޮލެންޑަށް ލަނޑެއް ނުޖެހި މެޗު ނިމެން ދަނިކޮށް 99 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ.
ފްރާންސްގެ އުޕަމެކާނޯ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ލެވަންޑޮސްކީ ފޮނުވާލިއިރު އެ ޕެނަލްޓީ ލޮރިސް މަތަކުރި އެވެ. ނަމަވެސް ފޮނުވާލުމުގެ ކުރިން ލޮރިސް ލައިނުން ބޭރަށް ނުކުތުމުން އަނެއްކާވެސް އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ރެފްރީ ވަނީ ޕޮލެންޑަށް ދީފަ އެވެ. ލެވަންޑޯސްކީ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކޮށްފައިވާއިރު މިހާތަނަށް ކުއާޓާ ފައިނަލުގެ ޖާގަތައް ހޯދާފައިވާ ޓީމުތަކަކީ ނެދަލޭންޑްސްގެ އިތުރުން އާޖެންޓީނާ އެވެ. ކުއާޓާގައި ނެދަލޭންޑްސްއާއި އާޖެންޓީނާ ބައްދަލުކުރަން ޖެހޭއިރު ފްރާންސުން ނުކުންނަން ޖެހޭނީ މިރޭ އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެމެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.