twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަގުތައް 'ތަރައްގީ' ކުރުމުގައި މަގުގެ ބޭނުން އެންމެނަށް ހިފޭނޭހެން ތަރައްގީކުރުން މުހިންމު

އަބްދުލް ވާހިދު ޙަސަން
Dec 5, 2022
1

މަގުތައް ތަރައްގީ ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ނޫނީ މަގުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ތަނެއް ތަރައްޤީ ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އެތަނަކުން ހިފަންޖެހޭ ބޭނުމެއް ތަފާތު ކުރުމެއްނެތި އެތަނެއް ބޭނުންކުރާ އެންމެނަށް ފުރިހަމައަށް ލިއްބައިދިނުން އެހެން ނޫންތޯއެވެ.

އެހެންކަމުން މަގެއްގެ ބޭނުމާމެދު ވިސްނާލަމާ ހިނގާށެވެ. މަގެއްގެ އެންމެ މައިގަނޑު އެއްބޭނުމަކީ އެއްތަނުން އަނެއް ތަނަށް ދާނެ ވަސީލަތެއް އެންމެނަށް ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ އާބާދީއާ އަޅާބަލާއިރު ރަށްތަކަށް އެކަށޭނެ ބޮޑުމިނުގެ މަގުތަކެއް ގިނަ ރަށްތަކެއްގައިވެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ދިވެހިންވެސް ރާއްޖެފަދަ ކުޑަ ޖަޒީރާ ރަށްތަކުގައިވެސް އެއްތަނުން އަނެއްތަނަށް ދިއުމަށް މޮޓޮރައިޒްޑް ވެހިކަލްތައް ބޭނުންކުރާ މިންވަރުވަނީ އިންތިހާއަށް އިތުރުވެފައެވެ. ކުޅުދުއްފުށި ހިމެނޭހެން އާބާދީ ބޮޑު ރަށްތަކުގައި ވެހިކަލްތައްވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެއް ޒަމާނެއްގައި ހިނގާފައި އަދި ބައިސްކަލްގައި އުޅުން މަގުތައް ވަނީ މިހާރު ކުޑަވެފައެވެ. ވެހިކަލްތައް ދުއްވާނެތަނުގެ އިތުރުން ވެހިކަލްތައް ޕާރކުކުރާނެ ތަންތަންވެސް މަގުތަކުން ހޯދާގޮތަށް ކަންތައް ބައްޓަންވުމުން މަގުތައް ވަނީ އިންތިހާއަށް ހަނިވެފައެވެ.

ރަށްރަށުގެ މަގުތައް ތާރުއަޅާއި ތަރައްގީކުރަން ގިނަ ރައްޔިތުންތަކެއް ބޭނުންވާ އެއްސަބަބަކީ މަގުތަކުގެ ހާލަތު އިންތިހާއަށް ގޯސްވުމެވެ. މަގަތަކުގައި ހެދޭ ފެންގަނޑުތައް ނުހިނދި ހިނގާބިގާވެ އުޅެން އަދި ދުއްވާ އެއްޗެއްސަށް އިންތިހާއަށް އުނދަގޫ ވުމުވެ. އަދި މަގުތައް އަޑިގުޑަންވެ ވަޅުގަނޑުތައް އިތުރުވުމެވެ. ކުރިން ފެންހިނދުނު ފަސްބާރުނޫން މަގުތަކުގެ ފަސްބާރުވެ ފެންނުހިނދޭގޮތް ވާންދިމާވީ އެކި ބޭނުމަށް ރަށަށް އެރުވޭ ހެވީ ވެހިކަލް އަދި ހަތަރުފުރޮޅުލީ ވެހިކަލްތައް ގިނަވުމެވެ.

ކޮންމެއަކަސް ދިވެހިންގެ އާދަކާދަމިވަނީ ވެހިކަލްތަކާއި ނުލައި ދިރިނޫޅޭވޭ ވަރަށް ބަދަލުވެފައެވެ. ތަރައްގީވެފައިވާ ގައުމުތަކުގައިވެސް އިންޑަސްޓްރިއަލް ރެވޮލިއުޝަންއެކު މިބަދަލުއައެވެ. ނަމަވެސް މިކަމުން ނުކުތް އިޖުތިމާއީ އަދި ސިއްހީ މައްސަލަތައް ގިނަކަމުން ތަރައްގީވެފައިވާ ގިނަ ގައުމުތަކުން އަންނަނީ ވެހިކަލްތައް މަދުކޮށް، ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްތައް ތަރައްގީކޮށް، ހިނގާބިގާވެ އުޅޭ މީހުންނަށް އަދި ބައިސްކަލްދުއްވުން އިތުރުވާނޭހާ ގޮތްގޮތަށް ކަންތައްތައް ބައްޓަންކޮށް މަގުތަކާ ސަހަރުތައް ތަރައްގީ ކުރަމުންނެވެ.

ގިނަ ދިވެހިނަށް އަދިވެސް މިކަންތައް ވިސްނައި ނުގަނެވެއެވެ. ތަރައްގީއަކީ އަދިވެސް ހީވެފައި އޮންނަނީ ވެހިކަލްތައް އިތުރުވުމެވެ. ތަރައްގީގެ ސިމްބަލްއެއް ގޮތުގައި ކާރާއި ސައިކަލު ބަލައިގެން އެމަގުން ވިސްނަމުންދެއެވެ. ކާރު އަދި ސައިކަލްތަކަށް ފަސޭހާވާނެހެން މަގުތަކުގައި ހުންނަ ގަސްތައް ކަނޑައި ކަންކަން ކުރަމުން ހިނގުމަށާއި، ބައިސްކަލް ދުވުމަށް ދަތިވެގެން ނުހަނު ގިނަ ފަރާތްތަކަށް ސައިކަލް ހޯދަން މަޖުބޫރެވެސްވެއެވެ. ބޮޑެތި ރަށްރަށުގައި ދުއްވާއެއްޗެހީގައި މެނުވީ މަގުތަކަށް ނުނިކުމެވޭ ދަރަޖައަށް ކަންކަންވަނީ ގޮސްފައެވެ.

ނަމަވެސް އަޅުގަނޑުމެން މަގުތައް ހަގީގަތުގައި ތަރައްގީ ކުރަންޖެހެނީ އަނެއްކާވެސް ދުއްވާއެއްޗެއްސަށް އެކަނި ވިސްނައިގެންތޯއެވެ. މިގޮތަށް ޑިޒައިންކޮށް ތަރައްގީކުރާ މަގުތަކަގެ މަސްރޫއުތަކަށް މަގު ތަރައްގީ ކުރުމޭ ކީދާނެތޯއެވެ؟ މަގުތައް ވާންވަނީ ހިނގާމީހުން، ކުޑަކުދިން އަދި އުމުރުން ދުވަސްވީމީހުންނަށްވެސް ނުރައްކަލަކާއި ނުލައި ބޭނުންކުރެވޭ ތަނަކަށް ނޫންތޯއެވެ؟ މަގުތައް ތަރައްގީ ކުރަންޖެހެނީ ހަމައެކަނި ދުއްވާއެއްޗެހީގައި ދަތުރުކުރާ މީހުންގެ ބޭނުމަށް އެކަނި ބަލައިގެންތޯއެވެ.

މަގުތައް ވެހިކަލް ބޭނުންކުރާ ފަރާތްތަކުގެ ބޭނުމަށް އެކަނި ވިސްނައިގެން 'ތަރައްގީ" ކުރުމުގެ ނޭދެވޭ ކަންކަމުގެ ތެރޭގައި މަގުތަކުގައި ހިނގަންއޮންނަ ޕޭވްމެންޓް ހަނިކޮށް ބޭއްވުން ހިމެނެއެވެ. މިއީ އިންތިހާއަށް ދެރަވަރުކަމެކެވެ. ޕޭވްމަންޓް ހަނިކޮށް ނުވަތަ ނަމަކަށް މަގާއެއްވަރަށް ތިރިކޮށް ބޭއްވުމުން ހިނގާފަރާތްތަކަށް މަގުތައް އެއްކޮށް ބަންދުވީއެވެ. އަދި ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތަރައްގީއިން އެއްކިބާކޮށް އެއްފަރާތް ކުރެވުނީއެވެ. މިފަދަ ތަރައްގީއަށް ހަގީގަތުގައިވެސް ތަރައްގީއެ ކީދަނެތޯއެވެ؟

ވެހިކަލެއްގައި މިއަދު އުޅޭ ކޮންމެ ފަރާތަކީވެސް މާދަމާ މުސްކުޅިވެ ގައިބާރުދެރަވެ ސައިކަލު އަދި ކާރުގައި ނޫޅެވޭނެ ފަރާތެއްކަން ވިސްނަންވެއްޖެއެވެ. އަދި މަގުތަކަށް ނުކުމެ އުޅެވޭނީ ހަމައެކަނި ވެހިކަލެއްގައި ކަން ވިސްނިފައި އޮންނަ އޮތުން ބަދަލުކުރަންވެއްޖެއެވެ.

މަގުތަކުގައި ޕޭވްމަންޓް ހަނިކޮށް، ޕާރކިންޒޯންތައް އިތުރުކުރުމުގެ ނޭދޭވޭ އަސަރުތަކުގެ ތެރޭގައި ހިނގާމީހުން، އުމުރުން ދުވަސްވީމީހުން، ކުޑަކުދިން އަދި ނުކުޅެދޭ ފަރާތްތައް އެއްފަރާތްކޮށް ބާކީވުމުގެ އިތުރުން ތަފާތުއެތަކެއް ސިއްހީ މައްސަލަތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ބަލިތައް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި މަގުތައް ތަރައްގީ ކުރަމުންދާއިރު މަގުތަކުގެ ހަގީގީ ބޭނުމަށާއި، މަގުތަކަކީ ހަމައެކަނި ދުއްވާއެއްޗެއްސަށް ފަސޭހަވޭނޭހެން ތަރުތީބުވާންޖެހޭނެ ތަނެއްކަމަށް ވިސްނިފައި އޮންނަ ވިސްނުން ބަދަލުކުރަން ވެއްޖެއެވެ. ތަރައްގީވެފައިވާ ގައުމުތަކުން ދަސްވެފައިވާ ފިލާވަޅުތައް އަޅުގަނޑުމެން ކަންކަން ޕްލޭންކުރާއިރު ބަލައި ދިރާސާކުރަން ވެއްޖެއެވެ. މަގުތަކަކީ އެންމެނަށް ރައްކާތެރި، އެންމެނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މަގު ފަހިކޮށްދޭ ތަނަކަށް ހަނދަން ލަސްވެއްޖެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355