ވޯލްޑްކަޕް 2022 ގެ ދެވަނަ ބުރުގައި ދެކުނު ކޮރެއާ އަތުން މޮޅުވި މެޗުގައި ބްރެޒިލްގެ ތަރިން އެގައުމުގެ ފުޓްބޯޅައިގެ ހީރޯ ޕެލޭއަށް ސަޕޯޓުގެ މެސެޖެއް ދީފި އެވެ.
ފުޓްބޯޅައިގެ ތާރީހުގައި މުޅި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ 82 އަހަރުގެ ޕެލޭ މިވަގުތު އަންނަނީ ކޮވިޑްގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވި އިންފެކްޝަންއަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.
މީގެއިތުރުން ބަވަލް ކެންސަރުގެ ސަބަބުން ކީމޯ ތެރަޕީ ވެސް ޕެލޭ ހޯދަމުން އަންނައިރު އޭނާގެ ގައުމު ބްރެޒިލުން ވަނީ ދެކުނު ކޮރެއާ އަތުން މޮޅުވެ ކުއާޓާއަށް ދަތުރުކުރި މެޗުގައި އޭނާއަށް ހާއްސަ ޓްރިބިއުޓެއް ދީފަ އެވެ.
6 ވަނަ ތަށީގެ އުއްމީދުގައި މިފަހަރުގެ ވޯލްޑްކަޕާ ކުރިމަތިލީ ބްރެޒިލަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލުން ވަނީ 5 ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ފަސޭހަކަމާއެކު މޮޅުވެ ކުއާޓާއަށް ދަތުރުކުރި މެޗުގައި ބްރެޒިލުގެ ކުޅުންތެރިން ވަނީ އެގައުމުގެ ގައުމީ ހީރޯ ޕެލޭއަށް އޮތް ސަޕޯޓު ދައްކާލާފަ އެވެ.
އިންޖަރީން އެނބުރި އައި ނޭމާއާއި ރެއާލްގެ ވިންގަރު ވިނީޝިއަސް ޖޫނިއާ އަދި ޓޮޓެންހަމްގެ ތަރި ރިޗާލިސަންއާއި ލޫކަސް ޕަކެޓާގެ ގޯލުތަކުން ބްރެޒިލުން ކޮރެއާ ބަލިކުރީ 4 - 1 ންނެވެ. ނޭމާއާއި ރިޗާލިސަން އިސްކޮށް ހުރެ ޓީމުގެ ހުރިހާ ކުޅުންތެރިން ޝާމިލުކޮށް ބްރެޒިލުގެ ޓީމުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޕެލޭއަށް ޓްރިބިއުޓްދީ ބެނާއެއް ވަނީ ދައްކާލާފަ އެވެ.
ޕެލޭގެ ޒަމާނުގައި އޭނާގެ ވޯލްޑްކަޕުގެ ކާމިޔާބީތައް ވެސް ފާހަގަކުރަމުން ޓީމު ސްޓާފުންނާއި ކުޅުންތެރިން ވަނީ ބޮޑު ބެނާގެ ކައިރީގައި ފޮޓޯ ނަގާފަ އެވެ. ޕެލޭ ވަނީ 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލާއެކު ހިއްލާލާފަ އެވެ.
އޭނާގެ ކުލަބް ސަންތޯސްއަށް ކުޅެދިން 659 މެޗުން 643 ގޯލު ޖަހައިދިންއިރު ބްރެޒިލުގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުން 77 ގޯލު އޭނާ ކާމިޔާބުކުރި އެވެ. ނޫސްތަކުން ޕެލޭ ހޮސްޕިޓަލަށް ގެންދިޔުމާ ގުޅިގެން ޕެލޭއަށް ދެވެމުން ދަނީ ހަޔާތުގެ އެންމެ ފަހު ފަރުވާ ކަމަށް ރިޕޯޓުކުރި ނަމަވެސް އޭނާގެ އާއިލާއިން އެކަމާ ވަނީ މީޑިއާގައި ދެކޮޅު ހަދާފަ އެވެ.
ޕެލޭގެ ދަރި ފްލޭވިއާ ނަސިމެންޓޯ ވަނީ ޕެލޭގެ ހާލަތާ ގުޅިގެން ސަޕޯޓަރުންނަށް ޖަވާބުދީފަ އެވެ. ފްލޭވިއާ ބުނީ އޭނާގެ ބައްޕަ އޮތީ ހަޔާތުގެ އެންމެ ފަހު ސްޓޭޖްގައި ކަމަށް ބުނުމަކީ ނާއިންސާފެއް ކަމަށާއި އެއީ ތެދެއް ނޫންކަމަށެވެ.
ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި ބްރެޒިލުން މިއަންނަ ހުކުރު ދުވަހު ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.