އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި މިއަދު އިސްމާއިލް އީސާ (މެސީ)ގެ ހަތަރު ލަނޑުން މާއްޓޭ ސްޕޯޓްސް ބަލިކޮށް ކުލަބް ކޮރަލްސްއިން މޮޅަކުން މުބާރާތް ފަށައިފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މާއްޓޭ ސްޕޯޓްސްއާއި ކުލަބް ކޮރަލްސް އެވެ. ކުޅުދުއްފުށީގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ކުލަބް ކޮރަލްސްއިން މާއްޓޭ ސްޕޯޓްސް ކޮޅަށް މިމެޗުގައި 7 ގޯލު ވަނީ ޖަހާފަ އެވެ. އަދި ކޮރަލްސްއިން މެޗު ކާމިޔާބުކުރީ 7 - 0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ކުލަބް ކޮރަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު ކޮރަލްސްއިން ލީޑު ނެގި އެވެ. މިލަނޑު ކޮރަލްސްއަށް ޖަހައިދިނީ 4 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ ކޮރަލްސްއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. 43 ވަނަ މިނެޓުގައި މެސީ ކޮރަލްސްއަށް ލީޑު ފުޅާކޮށްދިންއިރު އެލަނޑާއެކު ކޮރަލްސްއިން މުޅި މެޗު އެޓީމުގެ ކޮންޓްރޯލުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މާއްޓޭ ސްޕޯޓްސްގެ ފަރާތުން މެޗުގައި އެހާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު ދެވަނަ ހާފު ފަށައިގެން ކޮރަލްސްއިން ވަނީ 56 ވަނަ މިނެޓުގައި އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިލަނޑު އެޓީމަަށް ޖަހައިދިނީ އެޓީމުގެ ހުނަރުވެރި ފޯވާޑް ޒައިދު މުހައްމަދެވެ.
އޭގެ 7 ވަރަކަށް މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. 72 ވަނަ މިނެޓުގައި ޝާހިދު މުހައްމަދު ކޮރަލްސްގެ 5 ވަނަ ލަނޑު ޖަހައިދިންއިރު އެޓީމުގެ 6 ވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެސީ އެވެ. ކޮރަލްސްގެ އެންމެފަހު ލަނޑު މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
މިމެޗާއެކު ކޮރަލްސްއިން މޮޅަކުން ފަށާފައިވާއިރު މާދަމާ ވެސް މުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 15:50 ގައި ޒޯން ސްޓޭޑިއަމް 1 ގަ އެވެ.