ވޯލްޑްކަޕުގެ ދެވަނަ ބުރުގައި މިރޭ އެފްރިކާގެ ފަހުރު މޮރޮކޯއިން ޕެނަލްޓީ ޖަހައިގެން ޔޫރަޕުގެ އަދި ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ކަޓުވާލާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިރޭ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އިތުރުވަގުތު ކުޅެގެން ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖެހިއިރު މޮރޮކޯއިން ވަނީ ޕެނަލްޓީގައި ސްޕެއިން ބަލިކޮށްފަ އެވެ.
ދެޓީމުން ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު 2010 ގެ ޗެމްޕިއަން ސްޕެއިނުން ގިނަ ފުރުސަތުތަކެއް އުފެއްދި އެވެ. މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނު ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭ ގޮތެއް ނުވެ އެވެ. ހާއްސަކޮށް މެޗުގެ އެންމެފަހު ވަގުތު ސްޕެއިނުގެ ޕަބްލޯ ސަރާބިއާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. ސަރާބިއާގެ ބާރު ހަމަލާ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށެވެ.
ސްޕެއިނުން މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ގޯލާ އަމާޒުކޮށް އެޓީމުން ފޮނުވާލި ހަމަލާ ތަކުގެ ތެރެއިން ގޯލާ ސީދާވި އެންމެ ހަމަލާއެކެވެ. އެހަމަލާ މޮރޮކޯގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިނުން ޖެހި ތިން ޕެނަލްޓީ ވެސް މިސްވިއިރު ދެހަމަލާ ކީޕަރު ދިފާއުކުރި އެވެ. މޮރޮކޯއިން ފޮނުވާލި 4 ޕެނަލްޓީގެ ތެރެއިން 1 ޕެނަލްޓީ ކީޕަރު ދިފާއުކުރި އަނެއް 3 ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އެވެ. މެޗުގައި ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ކާމިޔާބުކޮށް އަޝްރަފް ހަކީމީ ވަނީ މޮރޮކޯ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ.
ކުއާޓާގައި މޮރޮކޯއިން ނުކުންނާނީ މިރޭ ޕޯޗުގަލްއާއި ސުވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެމެޗު ކުޅެވޭނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.