ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި މިރޭ ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު އާޖެންޓީނާއާއި ނެދަލޭންޑްސް ބައްދަލުކުރި މެޗަކީ މި ވޯލްޑް ކަޕުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ. އާޖެންޓީނާއިން ދެލަނޑު ޖަހާފައިވަނިކޮށް ނެދަލޭންޑްސްއިން ވަނީ ފަހަތުން އަރާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް މޮލީނާގެ ފަރާތުންނެވެ. މެޗުގައި 48 ފައުލް ފެނިގެންދިޔައިރު 14 ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ. ފިޒިކަލް ގޭމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު އާޖެންޓީނާއަށް ވަނީ 73 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ގޯލަށް ވައްދާލައިގެން މެސީ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނެޓުފަހުން ވެންހޯސްޓް ވަނީ ނެދަލޭންޑްސްއަށް ފަރަގު ކުޑަކޮށްދީ މެޗުގެ ފޯރި އަލުން ގެނެސްދީފަ އެވެ.
މެޗުގެ އޮއެވަރު ބަދަލުކޮށްލީ އިތުރުވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ އެންމެ ފަހު ވަގުތު ލިބުނު ފްރީކިކަކުން އުފެއްދި ފުރުސަތެއްގައި އެންމެފަަހު ވަގުތު ވެންހޯސްޓް އަނެއްކާވެސް ނެދަލޭންޑްސްއަށް ލަނޑެއް ޖަހައިދީ ނަތީޖާ އެއްވަރުކުރުމުންނެވެ. އެއްވަރުވުމުން 15 މިނެޓުގެ ދެހާފު ކުޅުނު ނަމަވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހަން ޖެހުނެވެ. 4 - 3 ން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރީ އާޖެންޓީނާއިންނެވެ.
ވާޖިލް ވެން ޑައިކާއި ބާގައިސްގެ ޕެނަލްޓީ ނާކާމިޔާބުވީއިރު އާޖެންޓީނާއިން ނާކާމިޔާބުވީ އެންޒޯ ފަނާންޑޭޒްގެ ޕެނަލްޓީ އެކަންޏެވެ. މިމޮޅާއެކު އާޖެންޓީނާ ސެމީއަށް ދަތުރުކޮށްފައިވާއިރު އެޓީމުން ސެމީގައި ނުކުންނާނީ މިރޭ ބްރެޒިލް ކަޓުވާލާ ސެމީގެ ފުރަތަމަ ޖާގަ ހޯދި އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.