އުރީދޫ އަދި މިޝަން ފޯ މައިގްރެންޓް ވޯކާސް އޮފް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ގުޅިގެން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެއް ދުވަހުގެ ކްރިކެޓް މުބާރާތެއް ބާއްވައިފި އެވެ.
"މައިގްރެންޓް ވޯކާޒް ކްރިކެޓް ކާނިވަލް 2022" ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެކުވެނި ކްރިކެޓް ދަނޑުގަ އެވެ.
އެ ކްރިކެޓް ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ.
މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ވެސް މުބާރާތުގެ އިތުރުން ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނަސް ކޭމްޕެއް ވެސް ހިމަނާފައިވެ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ، 20 ޓީމު ބައިވެރިވި ކްރިކެޓް މުބާރާތް "ޔުނިޓީ ކްރިކެޓް" ކްލަބާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗަކުން ކާމިޔާބުކުރީ "ފްރެންޑްސް ކްލަބް ބަންގްލަދޭޝް" ޓީމުންނެވެ. މި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރު އަދި ބޯލަރަށް އެވޯޑް ވެސް ވަނީ ދީފަ އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްުޔާތުގައި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވި އިސްވެރިންގެ ތެރޭގައި، ލަންކާ އަދި ޕާކިސްތާނުގެ ހައިކޮމިޝަނަރުންނާއި އުރީދޫ މޯލްޑިވްސްގެ އިސްބައެއް ވެރިން ހިމެނެ އެވެ.
އެމްއެމްޑަބްލިއުއެމް އިން، ޑަބްލިއުއެޗްއޯ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މެޑިކޯސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ބޭއްވި ހެލްތު ކޭމްޕުގައި ހިލޭ މެޑިކަލް ސްކްރީނިންގެ ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓާ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބޭއްވި ލީގަލް އެންޑް އެވޭރެންސް ކޭމްޕެއް މެދުވެރިކޮށް، ކާނިވަލް ބޭއްވި ވަގުތު އެކި ކަންކަމުގައި ބިދޭސީ މަސައްކަތްތެރިންނަށް މައުލޫމާތު ދީފައިވެ އެވެ.
މުޖުތަމައުގައި ބިދޭސި މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުކުރުމަށް މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތައް ވީހާ ވެސް ގިނައިން އިންތިޒާމު ކުރުމަކީ އުންމީދެއް ކަމަށް އެމްއެމްޑަބްލިއުއެމް އިން ބުންޏެވެ.