ފީފާ ވޯލްޑްކަޕުގެ ކުއާޓާގެ ފަހު މެޗުގައި މިރޭ އޮލިވިއާ ޖިރޫޑުގެ ލަނޑުން އިންގްލެންޑް ކަޓުވާލާ އެންމެފަހުގެ ޗެމްޕިއަން ފްރާންސް ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މިރޭ ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް ފްރާންސުން ކާމިޔާބުކުރީ 2 - 1 ންނެވެ. އޮރަލިން ޓުއަމެނީ މެޗުގެ ކުރީކޮޅުގައި ޖަހައިދިން ގޯލުން 17 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގި އެވެ.
ފުރަތަމަ ހާފު ނިމުނީ ފްރާންސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން އިންގްލެންޑުން ކުޅުން ރަނގަޅުކުރިއިރު 54 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ޕެނަލްޓީއަކުން ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
78 ވަނަ މިނެޓުގައި ގްރީޒްމަން ނަގައިދިން ރީތި ހުރަހަކުން އޮލިވިއާ ޖިރޫޑް ވަނީ ފްރާންސް ސެމީ ފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްފަ އެވެ. މިލަނޑާއެކު ޖިރޫޑް ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގެ އެއް މުބާރާތެއްގައި 4 ލަނޑު 36 އަހަރުން މަތީގެ ދެވަނަ ކުޅުންތެރިޔާ އަށެވެ.
ޖިރޫޑް ފްރާންސަށް އަލުން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް އިންގްލެންޑަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ފްރާންސްގެ ވާތު ބެކް ތިއޯ ހަނާންޑޭޒް މޭސަން މައުންޓަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީން ހެރީ ކޭން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
މިބައްޔާއެކު އިންގްލެންޑް ވެގެން ގޮސްފައިވަނީ ކުއާޓާ ފައިނަލުން އެންމެ ގިނައިން ބަލިވި ގައުމަށެވެ. އެގައުމުން ވަނީ 7 ފަހަރެއްގެ މަތިން ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުން ކަޓާފަ އެވެ. އަދި މިއީ ފްރާންސް ސެމީއަށް ދަތުރުކުރި 7 ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެންމެފަހުން ފްރާންސާއި އިންގްލެންޑް ބައްދަލުކުރި 8 ފަހަރުގެ ތެރެއިން ފްރާންސް ބަލިވީ އެންމެ ފަހަރަކު އެވެ. 2 ފަހަރު އެއްވަރުވިއިރު 5 ފަހަރު ފްރާންސް ވަނީ މޮޅުވެފަ އެވެ.
ދެދުވަސް ފަހުން ސެމީގެ މެޗުތައް ކުޅެން ފަށާއިރު ސެމީގައި އެންމެފަހުގެ ޗެމްޕިއަނުން ނުކުންނާނީ ޕޯޗުގަލް ކަޓުވާލާ ސެމީއަށް ދަތުރުކުރި މޮރޮކޯއާ ދެކޮޅަށެވެ.