ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ލިއޮނަލް މެސީގެ އާޖެންޓީނާ އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ވި ހިތި ބައްޔަށްފަހު ނެދަލޭންޑްސްގެ ކެޕްޓަން ވާޖައިލް ވެން ޑައިކް މިފަހަރުގެ ވޯލްޑް ކަޕް ދެން ނުބަލާނެކަމަށް ބުނެފި އެވެ.
މިހާތަނަށް ވޯލްޑްކަޕުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗު ކަމަށްވާ އާޖެންޓީނާއާއި ނެދަލޭންޑްސް ބައްދަލުކުރި ކުއާޓާ ފައިނަލް ނިމުނީ ޕެނަލްޓީގައި އާޖެންޓީނާ މޮޅުވެގެންނެވެ.
ދެލަނޑުގެ ތަފާތަކުން ބަލިވެފައި އޮއްވާ ލުއިސް ވެން ގާލްގެ ނެދަލޭންޑްސްއިން ވަނީ ފަހު 20 މިނެޓުގައި ދެލަނޑު ޖަހާ މެޗުގެ ފޯރިގަދަކޮށްލާ މެޗުގެ އިތުރުވަގުތަށް ގޮސްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅު ވޯޓް ވެގްހޯސްޓްގެ ދެލަނޑުން ނެދަލޭންޑްސްއިން މެޗުގެ ނަތީޖާ ފަހަތުން އަރާ ހަމަކުރި އެވެ.
އިތުރު ވަގުތަށް ގޮސްގެން ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޖަހަން ޖެހުނެވެ. ފުރަތަމަ ޕެނަލްޓީ ނެދަލޭންޑްސްއަށް ޖަހަން ލިބުނުއިރު އެޓީމުގެ އިތުބާރު ކެޕްޓަން ވެން ޑައިކް ފޮނުވާލި ޕެނަލްޓީ އެސްޓަން ވިލާއަށް ކުޅޭ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކުރި އެވެ.
ނެދަލޭންޑްސްގެ ސްޓީވަން ބާގައިސް ފޮނުވާލި ދެވަނަ ޕެނަލްޓީ ވެސް މާޓިނޭޒް ދިފާއުކުރިއިރު އާޖެންޓީނާގެ 5 ވަނަ ޕެނަލްޓީ ވައްދާލައިގެން އެޓީމު ސެމީއަށް ގެންގޮސްދިނީ ލައުޓާރޯ މާޓިނޭޒް އެވެ. ގަދަ 4 ގައި އާޖެންޓީނާއިން ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.
މިފަހަރުގެ ގަދަ 4 އިން ވެން ޑައިކް ނުފެންނާނެއިރު މެޗަށް ފަހު ދިން އިންޓަވިއުގައި އޭނާގެ ގާތު އާޖެންޓީނާ ވޯލްޑް ކަޕު ނަގާފާނެ ކަމަށް ބެލެވޭ ކަމަށް ސުވާލުކުރެވުމުން އޭނާ ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.
"އަހަންނަށް ވަރިހަމަ، އަހަރެން އަޅައެއް ނުލަން. އަހަރެން ދެން ވޯލްޑްކަޕް ނުބަލާނަން." ސުވާލަށް ރައްދުދެމުން ނެދަލޭންޑްސްގެ ކެޕްޓަން ބުންޏެވެ. އާޖެންޓީނާއާއި ނެދަލޭންޑްސްގެ މިފަހަރުގެ ކުއާޓާ ފައިނަލުގެ ކުރިމަތިލުން ވަރަށް ހޫނުވެގެންދިޔަ އެވެ.
ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގިއިރު މެޗުގައި ނެދަލޭންޑްސްއަށް 6 ރީނދޫ ކާޑު އަދި އާޖެންޓީނާއަށް 8 ރީނދޫ ކާޑު ދައްކާފައިވެ އެވެ. މީގެއިތުރުން ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސްއަށް ރެފްރީ ވަނީ ރަތް ކާޑެއް ވެސް ދައްކާފަ އެވެ. މެޗުގައި ޖުމްލަ 48 ފައުލް ފެނުނުއިރު އޭގެތެރެއިން 30 ފައުލް ކޮށްފައިވަނީ ނެދަލޭންޑްސް އިންނެވެ.
އަދި މެޗުގެ ތެރެއިން އާޖެންޓީނާގެ ލިއާންޑްރޯ ޕަރެޑޭސް ނޭތަން އަކޭއަށް ފައުލްކުރުމަށް ފަހު ޑަޗް ބެންޗާ ދިމާލަށް ބޯޅަ ޖެހުމުން ވެން ޑައިކް ވަނީ ޕަރެޑޭސް ބިމަށް ކޮށްޕާލާފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އައިއިރު އާޖެންޓީނާގެ ކުޅުންތެރިން އުޅުނު ގޮތާމެދު ސުވާލުކުރުމުން އެކަމަށް ޖަވާބު ވެން ޑައިކް ދެކޮޅު ހެދި ނަމަވެސް އާޖެންޓީނާގެ ޓީމާ މެދު ނެދަލޭންޑްސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ރުޅިއައިސްފައި ކަން ފާހަގަވި އެވެ.
ލައުޓާރޯ މާޓިނޭޒް ޕެނަލްޓީ ޖަހާ އާޖެންޓީނާ މޮޅުކޮށްދިން ފަހުން ވެސް ހަމަނުޖެހުން ހިނގިއިރު ނިކޮލަސް އޮޓަމެންޑީ ޕެނަލްޓީއަށް ފަހު ނެދަލޭންޑްސްގެ ކުޅުންތެރިން ރުޅިއަރުވަން މަސައްކަތްކޮށްފައިވާކަން މެޗަށްފަހު ފާހަގަވި އެވެ.
މެޗަށްފަހު މީޑިއާ ބައްދަލުކުރި ކުރުންތަކުގެ ތެރެއިން ވެސް ހަމަނުޖެހުންތަކެއް ފެނުނެވެ. ހާއްސަކޮށް އާޖެންޓީނާގެ ކެޕްޓަން މެސީ އިންޓިވިއުއެއްގެ ކުރިން ޑަޗް ކޭމްޕްގައި ހިމެނޭ މެމްބަރަކާ ދިމާލަށް ފާޑުފާޑުގެ ބަހުން މުއާމަލާތްކުރި ތަން ފެންނަ ވީޑީއޯއެއް އާންމުވި އެވެ.