ފްރާންސް އަތުން ބަލިވެ އިންގްލެންޑް މުބާރާތުން ކެޓި މެޗުގައި ދެއްކި ޕާފޯމެންސާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ފައިނަލު މެޗުގެ ރެފްރީކަން ކުރުމުގެ ފުރުސަތު ފީފާއިން ރެފްރީ ވިލްޓަން ސަމްޕާޔޯއަށް ދީފި އެވެ.
ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގެ ރެފްރީކަން ކުރި ވިލްޓަން ސަމްޕާޔޯގެ ގިނަ ނިންމުންތަކެއްގެ ސަބަބުން އިންގްލެންޑް ކެޓުމާއި ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
ފުޓްބޯޅައިގެން މާހިރު ބުނާގޮތުގައި ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އިނގިރޭސި ކެޕްޓަން ހެރީ ކޭން ވައްޓާލުމާއި ގުޅިގެން ޕެނަލްޓީ ދޭން ޖެހެ އެވެ. އަދި ތިއޯ ހަނާންޑޭޒް މޭސަން މައުންޓަށް ކުރި ފައުލަށް ރެފްރީ ވަގުތުން ކާޑު ދައްކާ ޕެނަލްޓީ ނުދިންއިރު ޕެނަލްޓީއެއްތޯ ބެލުމަށް ވީއޭއާރު ޗެކްކުރި އެވެ
އެ ޕެނަލްޓީ ވީއޭއާރު ބެލުމަށްފަހު ދިން ނަމަވެސް ހެރީ ކޭން ފޮނުވާލި ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ. ގިނަ ފާޑުކިޔުންތަކާއެކު ވެސް ފީފާއިން އޭނާ ފޮނުވާނުލައި ބަހައްޓާފައިވާ ކަމަށް ދަ ޓައިމްސް ނޫހުން ރިޕޯޓުކުރެ އެވެ. ގިނަ ރެފްރީތަކެއް ފޮނުވާލާފައިވާއިރު ހާއްސަކޮށް އިނގިރޭސި ރެފްރީ މައިކަލް އޮލިވާގެ ނަން ފާހަގަކޮށްލެވެ އެވެ.
މިނިންމުމާއެކު ވޯލްޑްކަޕުގެ ފައިނަލު މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ސަމްޕާޔޯއަށް އެބައޮތެވެ. އަދި ސެމީ ފައިނަލުގައި ރެފްރީކަން ކުރުމުގެ ފުރުސަތު އަދި އޭނާއަށް ދީފައެއް ނުވެ އެވެ.
ބްރެޒިލިއަން ރެފްރީ ސަމްޕާޔޯގެ އިތުރުން ފައިނަލުގައި ރެފްރީކަން ކުރުމަށް ވާދަކުރާނީ އެންތަނީ ޓެއިލާ އެވެ. ފުޓްބޯޅައިގެ އެންމެ ބޮޑު މެޗުގެ ރެފްރީކަން ކުރުމުގެ ފުރުސަތު އޭނާއަށް އޮތްއިރު ފީފާއިން އޭނާ ފޮނުވާނުލާ ބަހައްޓާފައި ހުރި ހުރުން ގިނަ ބަޔަކަށް ޝޮކަކަށް ވެގެންދާނެ އެވެ. ހާއްސަކޮށް އިންގްލެންޑްގެ ތަރި ހެރީ މެގުއާ އަށެވެ. މެގުއާ ވަނީ މެޗަށް ފަހު ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
"ބޮޑެތި ނިންމުންތައް ރެފްރީ ނިންމީ އަހަރެމެންނާ ދެކޮޅަށް. ގިނަ ނިންމުންތަކެއް އަހަރެމެންނާ ދެކޮޅަށް ނިންމި. އަހަރެންނަށް ހީވަނީ މުޅިމެޗުގައި ވެސް ރެފްރީގެ ނިންމުންތައް ނިންމުން ވަރަށް ދެރަހެން. އަހަރެމެން (ކުޅުންތެރިން) މިތާ ތިބެނީ އަދި ފާޑުކިޔުން އަމާޒުވަނީ އަހަރެމެންނަށް." މެގުއާ ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ކުރީގެ އިންގްލެންޑްގެ ތަރި ގެރީ ނެވިލް ވެސް ވަނީ ސަމްޕާޔޯއަށް އަމާޒުކޮށް ގިނަ ބަހުގެ ހަމަލާތަކެއް ދީ ފާޑުކިޔުން ރައްދުކޮށްފަ އެވެ. އަދި ރެފްރީގެ ނިންމުންތަކަށް އޭނާގެ ވާހަކަތައް އަމާޒުކޮށްފައިވެ އެވެ.