twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

މުޙައްމަދު އަހުމަދު
Dec 14, 2022

ފީފާ ވޯލްޑް ކަޕް 2022 ގައި ރޭ ލިއޮނަލް މެސީގެ އާޖެންޓީނާއިން ފަސޭހަކަމާއެކު އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3 - 0 ންނެވެ. ފަސޭހަކަމާއެކު އާޖެންޓީނާއިން މިމެޗުން މޮޅުވިއިރު މިއީ އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި 6 ވަނަ ފަހަރެވެ.

އެންމެފަހުން އާޖެންޓީނާއިން ވޯލްޑްކަޕެއްގެ ފައިނަލުގައި ކުޅެފައިވަނީ 2014 ވަނަ އަހަރު ޖަރުމަނާ ދެކޮޅަށެވެ. އެފަހަރުގެ ފައިނަލުން ޖަރުމަން އަތުން 1 - 0 ން ބަލިވީ އެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނައިރު ބޯޅަ ހިފަހައްޓާ ރަނގަޅު ފުރުސަތުތަކެއް ކްރޮއޭޝިއާއިން އުފެއްދި އެވެ. ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އާޖެންޓީނާއިން ގޯލާ އަމާޒުކުރި 7 ހަމަލާގެ ތެރެއިން 3 ހަމަލާ ވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފު ފެށިގެން މޮޅަށް ކުޅެމުން ދިޔަ ކްރޮއޭޝިއާގެ ކީޕަރު ލިވަކޯވިޗް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑު ދައްކާ އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ.

ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން 39 ވަނަ މިނެޓުގައި އާޖެންޓީނާއިން އަނެއްކާވެސް ލަނޑެއް ޖެހި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޫލިއަން އަލްވަރޭޒް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ކްރޮއޭޝިއާއިން އިތުރަށް ކުޅުން ރަނގަޅުކުރި ނަމަވެސް 69 ވަނަ މިނެޓުގައި ޖޫލިއަން އަލްވަރޭޒްގެ ދެވަނަ ލަނޑާއެކު 3 - 0 ން އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ އެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފައިނަލުގައި ނުކުންނާނީ ދެވަނަ ސެމީގައި މިރޭ މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިރޭ ކުޅެވޭ ސެމީގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ނުކުންނާނީ މޮރޮކޯއާއި ދެކޮޅަށެވެ. އާދިއްތަދުވަހު ފައިނަލް ކުޅެވޭއިރު ހޮނިހިރު ދުވަހު ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއިން ނުކުންނާނީ މިރޭ ބަލިވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355