twitterviber whatsapp telegramfacebookyoutube instagram
28th March 2024

މޮރޮކޯއިން ޗެމްޕިއަން ފްރާންސާއި ދެކޮޅަށް، އެއްވެސް ޖެހިލުމެއް ނެތް!

މުޙައްމަދު އަހުމަދު
Dec 14, 2022
1

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގައި މިރޭ އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މޮރޮކޯއާ ދެކޮޅަށް ގަދަހިފުމަކަށް ނުކުންނާނެ އެވެ.

2018 ވަނަ ޗެމްޕިއަން ފްރާންސުން ގަދަފަދަ އިނގިރޭސިން 2 - 1 ން ކުއާޓާގައި ބަލިކޮށް ސެމީއަށް ދަތުރުކޮށްފައިވާއިރު މޮރޮކޯ ވެގެން ގޮސްފައިވަނީ ވޯލްޑްކަޕެއްގެ މިހާ ދުރަށް ދަތުރުކުރި ފުރަތަމަ އެފްރިކާގެ ގައުމަށެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފްރާންސް މިހިސާބަށް އައިސް މިމެޗަށް ނުކުންނައިރު މޮރޮކޯއިން އަނެއްކާވެސް އުއްމީދުކުރާނީ ގަދަބާރެއް ކަޓުވާލުމަށެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް ފަހު ދެވަނަ ބުރުގައި ސްޕެއިން ކަޓުވާލީ ވެސް މޮރޮކޯ އެވެ.

މިމެޗުން މޮޅުވާ ޓީމެއް ޑިސެމްބަރު 18 ވާ އާދިއްތަ ދުވަހު ވޯލްޑްކަޕުގެ ފައިނަލުގައި މެސީގެ އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ފްރާންސާއި މޮރޮކޯ މެޗު އޮތީ ކޮންއިރަކު؟

ދެވަނަ ސެމީ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ދަންވަރު އެވެ. އަލް ބައިތު ސްޓޭޑިއަމްގައި ކުޅެވޭ މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

ފުރަތަމަ ސެމީގައި ރޭ ލުސައިލް ސްޓޭޑިއަމްގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ވަނީ ބައްދަލުކޮށްފަ އެވެ.

ފްރާންސް ސެމީއާ ހަމައަށް ކުރި ދަތުރު

ގިނަ އަނިޔާގެ މައްސަލަތަކަކާއެކު ވެސް ލެސް ބްލޫސްއިން ވަނީ ތަށި ދިފާއުކުރުމުގެ ރޭހުގައި ފަސް ނުޖެހި ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. ޑިފެންޑަރުންގެ ބިރުވެރި ހުވަފެނަކަށް ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭވީއިރު އޭނާ ވަނީ މިހާތަނަށް ފަސް ގޯލު ޖަހާ ޓޮޕް ސްކޯރާ ލިސްޓުގެ އެންމެ މަތިން ޖާގަ ހޯދާފަ އެވެ.

މިހިސާބަށް އައިއިރު ފްރާންސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. 1 - 0 ގެ ހަނިތަފާތަކުން ގްރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވި ނަމަވެސް ދެވަނަ ބުރު ޔަގީންވެފައި އޮތުމުން އެމެޗަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެރުނީ ބީ ޓީމެވެ.

ފަސޭހަކަމާއެކު ދެވަނަ ބުރުގައި 3 - 1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކުރިއިރު ވަރުގަދަ ކުޅުމަކަށް ފަހު ފްރާންސުން ވަނީ 2 - 1 ން އިންގްލެންޑްގެ މައްޗަށް ކުރި ހޯދާފަ އެވެ.

ފްރާންސުން މެޗުގެ ކުރިން ބުނަނީ ކީކޭ؟

ހެޑް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އިންގްލެންޑް މެޗަށް ފަހު ބުނީ ސެމީ ފައިނަލަށް އާދެވުނީ ކަމަށާއި ފައިނަލަށް ދިއުމަށް ވަރަށް ކައިިރިވެއްޖެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ބުދަދުވަހުގެ މެޗު ވަރަށް މުހިންމުކަމަށެވެ.

"މާޒީގައި ދުނިޔޭގެ ޗެމްޕިއަނުން ޖެހިގެން އަންނަ ވޯލްޑް ކަޕުގައި ކުރިއަށް ގޮސް މޮޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވޭ، ނަމަވެސް އަހަރެމެން މިވަނީ އެކަން ވެސް ކޮށްފަ." ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.

މޮރޮކޯ ސެމީއާ ހަމައަށް ކުރި ދަތުރު

އެފްރިކާގެ މޮރޮކޯއިން ގްރޫޕް އެފްގެ އެއްވަނަ ހޯދީ މުޅި ދުނިޔެ ސިއްސުވާލުމަށްފަހު ބެލްޖިއަމްއާއި ކެނެޑާ ބަލިކޮށް ކްރޮއޭޝިއާއާ އެއްވަރުކޮށްގެންނެވެ.

ގަދަ 16 ގައި ސްޕެއިން އަތުން ތާރީހީ ކާމިޔާބެއް މޮރޮކޯއިން ހޯދި އެވެ. ލުއިސް އެންރީކޭގެ ސްޕެއިން ޕެނަލްޓީގައި 3 - 1 ން ބަލިކުރި އެވެ.

އަދި ކުއާޓާގައި އެޓީމަށް ޖެހުނީ ވަރުގަދަ މެޗެކެވެ. ސެމީއަށް ދަތުރުކުރާ ފުރަތަމަ އެފްރިކާގެ ގައުމުގެ ޝަރަފު ހޯދުމަށް އެޓީމުން ކުއާޓާގައި ވަނީ ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް 1 - 0 ން ބަލިކޮށް ކަޓުވާލާފަ އެވެ.

މުޅި އަރަބި ދުނިޔޭގައި އަދި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން މޮރޮކޯއަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނައިރު މިރޭ މެޗު ބަލަން އަލްބައިތު ސްޓޭޑިއަމަށް މޮރޮކޯގެ 20 ހާހަށް ވުރެ ގިނަ ސަޕޯޓަރުން ވަންނާނެ ކަމަށް ރިޕޯޓުތަކުން ލަފާކުރެ އެވެ.

މެޗުގެ ކުރިން މޮރޮކޯއިން ބުނަނީ ކީކޭ؟

ސެމީ ފައިނަލުގެ ކުރިން މޮރޮކޯގެ ހެޑް ކޯޗު ވާލިދު ރެގްރަގޫ ބުނީ ޕޯޗުގަލް އަތުން ހޯދި ތާރީހީ މޮޅަށް ފަހު ހަމަނުޖެހޭނެ ކަމަށެވެ.

"އަހަރެމެން ހިތްހަމައެއް ނުޖެހޭ ހަމައެކަނި ސެމީއަށް އާދެވިގެނެއް އަދި އެކަން ކުރި އެފްރިކާގެ ފުރަތަމަ ގައުމަށް ވެވިގެނެއް، އަހަރެމެން ބޭނުންވަނީ މިއަށް ވުރެ ކުރިއަށްދާން." ރެގްރަގޫ ބުނެ އެވެ.

"
"އަހަރެމެންނަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު 4 ޓީމުގެ ތެރެއިން އެއްޓީމު އަދި އަހަރެމެން ބޭނުންވަނީ ފައިނަލަށް ދަތުރުކުރަން. އެންމެ މޮޅު ޓީމު ބްރެޒިލް މިހާރު އޮތީ ކަޓާފަ."
ވާލިދު ރެގްރަގޫ، މޮރޮކޯގެ ކޯޗު

އަހަރެމެން މިތިބީ މޮޅަކަށް ބަނޑުހައިވެފައިކަމަށާއި އެކަމުން ފުދޭނެ ކަމެއް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ބޭނުންވަނީ އެފްރިކާ ދުނިޔޭގެ އެންމެ އުހުގައި އޮންނަ ކަމަށާއި ފޭވަރިޓުން ނޫންކަން ވެސް އެނގޭ ކަމަށެވެ. ނަމަވެސް ޓީމު އޮތީ ވަރަށް ކޮންފިޑެންޓް ކޮށް ކަމަށް ކޯޗު ބުނެ އެވެ.

ހުރިހާ އެންމެ އެއީ މޮޔަކަމެކޭ ހީވި ނަމަވެސް ކުޑަ ފޯރިއެއް ހުރުމަކީ ރަނގަޅުކަމެއް ކަމަށް ކޯޗު ރެގްރަގޫ ބުނެ އެވެ.

ފްރާންސާއި މޮރޮކޯގެ ތާރީހަކީ ކޮބާ؟ (ހެޑް ޓު ހެޑް ރެކޯޑް)

މީގެކުރިން ފްރާންސާއި މޮރޮކޯއާއި 11 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު މޮރޮކޯއަށް މޮޅެއް ލިބުނީ އެންމެ މެޗަކުންނެވެ. ފްރާންސް 7 ފަހަރު މޮޅުވިއިރު 3 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިދެޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ އެކުވެރިކަމުގެ މެޗެއްގައި 2007 ވަނަ އަހަރު އެވެ. 2 - 2 ން އެފަހަރުގެ މެޗު އެއްވަރުވިިއިރު މިހާތަނަށް ބޮޑު މުބާރާތެއްގައި މިދެޓީމު ވެސް ބައްދަލުކޮށްފައެއް ނުވެ އެވެ.

ފްރާންސާއި ވޯލްޑްކަޕް:

ފްރާންސަކީ އެންމެފަހުން ބޭއްވި ވޯލްޑްކަޕް 2018 ގެ ޗެމްޕިއަނުންނެވެ، ތަށި ދިފާއުކުރުމުގެ ރޭހުގައި މިރޭގެ މެޗަށް ފްރާންސުން ނުކުންނައިރު މިހާތަނަށް އެޓީމުން ވަނީ 2 ފަހަރެއްގެ މަތިން ތަށި ހިއްލާލާފަ އެވެ.

އެއީ 1998 ވަނަ އަހަރު އަދި 2018 ވަނަ އަހަރު އެވެ. 2006 ވަނަ އަހަރުގެ ރަނަރަޕްކަން ފްރާންސުން ހޯދިއިރު މިހާތަނަށް ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ހާސިލްކުރެވުނީ އިޓަލީއަށާއި ބްރެޒިލަށެވެ. މިފަހަރުގެ ތަށި ފްރާންސުން ހިއްލާލައިފިނަމަ ޖެހިޖެހިގެން ތަށި ހިއްލާލި 3 ވަނަ ޓީމަށް ފްރާންސް ވާނެ އެވެ.

މޮރޮކޯއާއި ވޯލްޑްކަޕް:

މޮރޮކޯ 6 ފަހަރެއްގެ މަތިން ވޯލްޑްކަޕްގައި ވާދަކޮށްފައިވާއިރު އެޓީމުން ދެވަނަ ބުރަށް ވުރެ ދުރަށް އާދެވިފައިވަނީ މިފަހަރުގެ ވޯލްޑްކަޕުގައި އެކަންޏެވެ. އަދި މޮރޮކޯއަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ސެމީއަށް ދަތުރުކުރި ފުރަތަމަ ގައުމެވެ.

ދެޓީމުގެ އެންމެފަހުގެ އަދާހަމަ:

މޮރޮކޯގެ ކެޕްޓަން ވަނީ އެންމެފަހުން ޕޯޗުގަލްއާ ދެކޮޅަށް ނުކުތް މެޗުގެ 57 ވަނަ މިނެޓުގައި އަނިޔާވެގެން ބާލާފަ އެވެ. ނަމަވެސް މިރޭ ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ފިޓްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް މޮރޮކޯގެ ކެޕްޓަން ރޮމެއިން ސައިސް ބުނެ އެވެ.

މޮރޮކޯއިން ދެވަނަ ބުރުގައި ސްޕެއިން މެޗުގައި އަނިޔާވި ނަޔެފް އަގުއާޑް ވެސް މިމެޗުގައި ފެންނާނެ ކަމަށް ނުބެލެވެ އެވެ.

"މާދަމާ އެނގޭނެ، އަހަރެމެން ކޮންމެސް ވަރަކަށް ޓެސްޓްތަކެއް ހަދާނަން އަނިޔާތައް ބަލަން. ނަމަވެސް ދަނޑަށް އެނބުރި އައުމަށް އަހަރެންނަށް ކުރެވެން އޮތް ވަރަކަށް މަސައްކަތް ކުރާނަން. އުއްމީދުކުރަނީ އޯކޭ ވާނެ ކަމަށް." ރޮމެއިން ސައިސް ބުންޏެވެ.

ފްރާންސްގެ ޓީމުގައި ސަސްޕެންޝަނުގެ އެއްވެސް މައްސަލައެއް ނެތްއިރު އިންގްލެންޑް މެޗުގައި އެއްވެސް ކުޅުންތެރިޔަކަށް އަނިޔާވި ކަން ވެސް ފާހަގަކުރެވިފައެއް ނުވެ އެވެ. އަދި ފްރާންސުން އެންމެފަހުން ކުޅުނު ދެމެޗުގައި ވެސް ފަށާފައިވަނީ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނާއެކު އެވެ. އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355