twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޮރޮކޯ ކަޓުވާލާ ފްރާންސް ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލަށް

މުޙައްމަދު އަހުމަދު
Dec 15, 2022

ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ފީފާ ވޯލްޑްކަޕް 2022 ގެ ސެމީގައި އެފްރިކާގެ މޮރޮކޯ ކަޓުވާލުމަށްފަހު ވޯލްޑްކަޕުގެ ފައިނަލަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ދަތުރުކޮށްފި އެވެ.

މިރޭ އަލް ބައިތް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ސެމީގައި ފްރާންސުން މޮރޮކޯގެ މައްޗަށް ކުރިހޯދީ 2 - 0 ންނެވެ. މޮރޮކޯއަކީ ސެމީއާ ހަމައަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމެވެ.

ގަދަބާރުތައް ކަޓުވާލާ ސެމީއަށް ދަތުރުކޮށް އެޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޗެމްޕިއަން ފްރާންސް އަތުން ބަލިވެ މޮރޮކޯއިން މިވަނީ މުބާރާތަށް އަލްވަދާއުކިޔަން ޖެހިފަ އެވެ.

އެންމެފަހުން އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސުން އެންމެފަހުން އޮތް 7 ވޯލްޑްކަޕުގެ ތެރެއިން 4 ވޯލްޑް ކަޕުގެ ފައިނަލަށް މިވަނީ ދަތުރުކޮށްފަ އެވެ. އެއީ 1998، 2006، 2018 އަދި 2022 އެވެ. 1998 އަދި 2018 ވަނަ އަހަރު ފްރާންސުން ޗެމްޕިއަންކަން ހޯދިއިރު އެޓީމުން ފައިނަލުގައި ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށް ތަށި ދިފާއުކުރުމަށެވެ.

ޖެހިޖެހިގެން ދެ ފަހަރު ވޯލްޑްކަޕުގެ ތަށި މިހާތަނަށް ހިއްލާލެވިފައިވަނީ އިޓަލީއާއި ބްރެޒިލަށް އެކަންޏެވެ. ނަމަވެސް އާދިއްތަދުވަހު އާޖެންޓީނާ ބަލިކޮށްގެން އެހިސާބަށް ދިއުމުގެ ފުރުސަތުގެ ފްރާންސަށް އެބައޮތެވެ.

މޮރޮކޯއިން ވޯލްޑްކަޕުގައި އެންމެފަހުން ކުޅުނު ހަ މެޗުން ބަލިވެފައިނުވާއިރު އެޓީމުން ބައްޔާ ކުރިމަތިލާން ޖެހުނު މީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް 3 މެޗުން ވީ އެއްވަރެވެ.

މިރޭ ކުޅެވުނު ސެމީގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މޮރޮކޯއިން ރަނގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް ފްރާންސްގެ ގޯލު ފޫ އަޅުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގައި ފްރާންސުން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފަ އެވެ.

މެޗުގެ 5 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ އެޓީމުގެ ވާތު ބެކް ތިއޯ ހަނާންޑޭޒް އެވެ. އެމްބާޕޭ ޖެހި ބޯޅަ ރިބައުންސަށް ނުކުތް ވަގުތު ހަނާންޑޭޒް ވަނީ ބާރު ހަމަލާއަކާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފު ފްރާންސް ކުރީގައި އޮވެގެން ނިމުނުއިރު މޮރޮކޯއިން ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ. ފްރާންސްގެ ޑިފެންސަށް ޕްރެޝަރުކޮށްގެން މޮރޮކޯއިން ކުޅެމުން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޮލޯ މުއާނީ ވަނީ ފްރާންސަށް ލީޑު ފުޅާކޮށްދީފަ އެވެ.

ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގައި ކޮލޯ މުއާނީ ލަނޑުޖެހިއިރު މިއީ ވޯލްޑްކަޕެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކުޅުންތެރިޔަކު ކާމިޔާބުކުރި އެންމެ އަވަސް ގޯލެވެ. އެމްބާޕޭ ޖެހި ހަމަލާއެއް މޮރޮކޯގެ ކުޅުންތެރިޔަކު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު ކޮލޯ މުއާނީ ވަނީ އެއްފަހަރުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފްރާންސް ފައިނަލަށް ގެންގޮސްދީފަ އެވެ.

އަންނަ އާދިއްތަ ދުވަހު ޗެމްޕިއަން ފްރާންސުން ފައިނަލުގައި ތަށި ދިފާއުކުރުމަށް މެސީގެ އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނެ އެވެ. އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ ކްރޮއޭޝިއާ ބަލިކޮށެވެ. އެމެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 8 ޖަހާއިރު އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ކްރޮއޭޝިއާއާއި މޮރޮކޯ ބައްދަލުކުރާއިރު އެމެޗު ވެސް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355