ސަރުކާރުގެ މުޅި ތައުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު، މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއަރ 2022" ރަސްމީކޮށް ހުޅުވައިދެއްވައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކުދިން އަމިއްލައަށް ކަންކަންކުރުމަށް ފުރުސަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތައުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.
އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއަރ 2022" ކުރިޔަށްގެންދަނީ އިއްޔެ އަދި މިއަދުއެވެ. އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެއާގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއާގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއާއަށް ޒިޔާރަތްކުރައްވައި ފެއާގައި ދަރިވަރުން ބައިވެރިކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ.