އެމްބާޕޭގެ އަމާޒު 23 އަހަރުގައި ދެވޯލްޑްކަޕުގެ ތައްޓަށް ހިފާލާފައި ހުރިއިރު އޭނާގެ ވަރުގަދަ މެސެޖެއް ފުޓްބޯޅައިގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީއަށް ދީފި އެވެ.
އާޖެންޓީނާއާއި ފްރާންސްގެ ކުރިމަތިލުމެވެ. މެސީއާއި އެމްބާޕޭ ގަދަ ހިފުމަކަށެވެ. ފުޓްބޯޅައިގެ މިހާރުގެ ރަސްގެފާނާއި ވާންހުރި ރަސްގެފާނުގެ ކުރިމަތިލުމެކެވެ. ގަލަމުން ބަޔާން ކުރަން އުދަނގޫ އެންމެ މޮޅެތި ކުޅުންތެރިންގެ މެދުގައި ދުނިޔޭގެ ތައްޓަށް އާދިއްތަދުވަހު ކުޅެވޭ ވޯލްޑްކަޕްގެ ފައިނަލު މެޗެވެ.
އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދައުވާ ކުރާ ލިއޮނަލް މެސީ، މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެކަމަށް ގިނަބަޔަކު އުއްމީދުކުރާ ކީލިއަން އެމްބާޕޭއާ ދެކޮޅަށް އަންނަ އާދިއްތަދުވަހުގެ ރޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ހޯދުމަށް ނުކުންނާނެ އެވެ.
ޕީއެސްޖީއަށް ކުޅޭ މިދެކުޅުންތެރިންގެ މެދުގައި ކުޅެވޭނެ ފޯރިގަދަ މެޗަކަށް މިމެޗު ވާނެކަން ޔަގީނެވެ. މިމެޗަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި 19 އަހަރުގެ އެމްބާޕޭ 2018 ގައި ހޯދި ވޯލްޑްކަޕްގެ ތަށި ހޯދުމަށް މެސީއަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.
ނުވަތަ މިހާރު 23 އަހަރުގެ އެމްބާޕޭއަށް އޭނާއަކީ މިވަގުތު ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާކަން މިތަށި ނަގައިގެން ސާބިތުކޮށްދިނުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އެއީ ދުވަހަކުވެސް އެމްބާޕޭ އޭނާ ހާސިލްކުރަން ބޭނުންވާކަމެއްކަމަށް ބުނަން ފަސްނުޖެހޭ ކަމެކެވެ. އަދި އޭނާ ވަނީ އެންމެ އުހުގައި މެސީގެ ވަގުތު ވަރަށް އަވަހަށް ނިމޭނެކަން އަންގައިދެމުން ދިން އިންޒާރެއްގައި އޭނާ، އާ ޖީލުގެ އެންމެ އުހުގައި ލީޑުކުރަން ބޭނުންވާކަމަށް ވަނީ ބުނެފަ އެވެ.
ސެޕްޓެމްބަރު މަހު ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ އަހަރެންނަށް އެކާމިޔާބީ ނުވަތަ އެކަން ހާސިލްވާނެ ކަމަށް ހީވާ ކަމަށެވެ. އެމްބާޕޭ މާނަކުރީ ބެލަންޑިއޯގެ ވާހަކަ އެވެ.
"އަހަރެން އަބަދުވެސް ބުނަން އަހަރެން ހުރިހާ ކަމަކާ ހުވަފެންދެކޭ ވާހަކަ، އެއްވެސް ލިމިޓެއް ނެތް. އެހެންކަމުން އެންމެން ވެސް ބުނާހެން މިއީ އާ ޖީލެއް އަދި ރޮނާލްޑޯއާއި މެސީއަށް - އެމީހުން ހުއްޓޭނެ. އަހަރެމެން ޖެހޭނީ އެހެން މީހެއް ހޯދަން، އާ މީހެއް."
އެމްބާޕޭގެ އަމާޒު ހަގީގަތަކަށް ވުން މާ ދުރެއް ނޫނެވެ. އެކަން އާދިއްތަ ދުވަހުގެ ފައިނަލުން މޮޅުވެގެން ދައްކާލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. އަދި ހަމައެއާއެކު މެސީ ވަނީ މޮޅު ކުޅުމަކާއެކު އާޖެންޓީނާ ވެސް ފައިނަލަށް ގެނެސްދީފަ އެވެ. އެހެންކަމުން އެމްބާޕޭއަށް މެސީ ވޯލްޑްކަޕް ކާމިޔާބުކުރަން އޮތް އެންމެފަހު ފުރުސަތު މެސީގެ އަތުން ޖަހައިގަތުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އަނެއްކޮޅުން އެމްބާޕޭއަކީ މެސީގެ ކެރިއަރު ނިމުމުން އޭނާގެ ބަދަލުގައި އެމަގާމުން ފެންނާނެ އެއް ކުޅުންތެރިޔާކަމާމެދު މެސީ ވެސް ދެބަސްނުވެ އެވެ. ނަމަވެސް މެސީ އެކަން މިވަގުތު ދެކެން ބޭނުންނުވާނެކަމަށް ބެލެވޭއިރު އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް އޭނާގެ ކުލަބް ޓީމްމޭޓްގެ ހުރި ގާބިލްކަން މެސީއަށް ވެސް ފެނެ އެވެ.
މިއަހަރުގެ ކުރީކޮޅު ޓީޔޫޑީއެން މެކްސިކޯއަށް މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކީލިއަން އެމްބާޕޭ އަކީ ތަފާތު ކުޅުންތެރިޔެއް ކަމަށާއި ވަން އޮން ވަންގައި ވަރަށް ވަރުގަދަ، ހުސް ތަނަށް ދެމިގަންނަ އެހާމެ ބާރު އަދި އެހާމެ ގިނަ ލަނޑު ވެސް ޖަހާ ކުޅުންތެރިއެއް ކަމަށެވެ.
"އޭނާއަކީ ފުރިހަމަ ކުޅުންތެރިއެއް އަދި އެކަން އޭނާ އަންނަނީ ސާބިތުކޮށްދެމުން. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެކަން ޔަގީން." މެސީ ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ މެދު ކުރެވޭ ބަހުސްގެ ފޯރިގަދަވާން ފަށާފައިވާއިރު މެސީގެ މި ވޯލްޑްކަޕު އޭނާގެ އިންޓަނޭޝަނަލް ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއަށް ވުމާ ދުރެއް ނޫނެވެ. ނަމަވެސް އެމްބާޕޭގެ ނިޔަތް ވެސް ސާފެވެ.
އޭނާ ވަނީ މިއަހަރު ކުރީކޮޅު އޭނާ ހާސިލްކުރަން ބޭނުންވާ ކަންކަން އަންގައިދީ ވަރުގަދަ މެސެޖެއް ދޫކޮށްލާފަ އެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށް އޮތް ރަންފުރުސަތަކަށް އޭނާއަށް މިވޯލްޑްކަޕް ވެގެންދާނެ އެވެ.
އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 8 ޖަހާއިރު ގަތަރުގެ އައިކޯނިކް ލުސައިލް ސްޓޭޑިއަމްގަ އެވެ.