މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންވައިފި އެވެ. މިއަދު ހެނދުނު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހދ އެފްސީއެސްސީގެ ބޭފުޅުންނާއި ކައުންސިލަރުންނެވެ.
ޖެންޑަރ މިނިސްޓަރު ކުޅުދުއްފުއްޓަށް މި ވަޑައިގަތީ އެ މިނިސްޓްރީން ކުރިއަށްގެންދާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) މި ސިޓީގައި ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައްވުމަށެވެ.
އިބަމައަކީ ރާއްޖޭގެ މުޖުތަމައުތަކުގައި 'ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް' ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަހުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް އެންމެހާ ހިއްސާދާރުން ގުޅިގެން ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖުތަމައުގެ އިޖުތިމާއީ ހާލަތު ދެނެގަނެ، މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖުތިމާއީ ހިދުމަތްތައް ކަމާބެހޭ ދާއިރާތަކާއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.
އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ގާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތައުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ސިއްހީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތްތެކެވެ.
ކުޅުދުއްފުށީގައި އިބަމަ ފެށުމަށްޓަކާ ސްޓޭކް ހޯލްޑަރުންނާއެކު މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ. އެގޮތުން ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލާއި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ފުލުހުންނާއި އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ އެވެ. މިއީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކަމަނާ ކުޅުދުއްފުއްޓަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.