twitterviber whatsapp telegramfacebookyoutube instagram
26th April 2024

މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާއިން ވޯލްޑް ކަޕުގެ ތިންވަނަ ހޯދައިފި

މުޙައްމަދު އަހުމަދު
Dec 18, 2022

ފީފާ ވޯލްޑް ކަޕް 2022 ގެ ތިންވަނަ ހޮވާ މެޗުގައި ރޭ މޮރޮކޯ ބަލިކޮށް އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއިން މުބާރާތުގެ ތިންވަނަ ހޯދައިފި އެވެ.

އެންމެފަހުން ބޭއްވި ވޯލްޑްކަޕުގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިއާއިން ރޭ ވަނީ 2 - 1 ން މޮރޮކޯ ބަލިކޮށްފަ އެވެ. މޮރޮކޯއަކީ މުބާރާތުގެ ސެމީއާ ހަމައަށް ދަތުރުކުރި ފުރަތަމަ އެފްރިކާގެ ގައުމެވެ. އަދި މިއީ އެފްރިކާގެ ގައުމަކުން ވޯލްޑްކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

މޮރޮކޯއިން 4 ވަނަ ހޯދިއިރު ކްރޮއޭޝިއާއިން މިވަނީ ރޭ މޮޅުވެ ތިންވަނަ ހާސިލްކޮށްފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ކްރޮއޭޝިއާއިންނެވެ. 7 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލްގެ ލަނޑުން ކްރޮއޭޝިއާއިން ލީޑު ނެގި އެވެ.

ނަމަވެސް އޭގެ ދެމިނެޓުފަހުން އަޝްރަފް ދާރީގެ ލަނޑުން މޮރޮކޯއިން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިއާއިން ކުޅުނުއިރު އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމު މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފަ އެވެ.

42 ވަނަ މިނެޓުގައި އެލަނޑު އެޓީމަށް ޖަހައިދިނީ މިސްލާވް އޮރިސިޗެވެ. ކްރޮއޭޝިއާއިން ވަނީ އެޓީމުން ވޯލްޑްކަޕުގައި އެންމެފަހުން ކުޅުނު 14 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބުކޮށްފަ އެވެ. އެޓީމު ބަލިވީ 2018 ވަނަ އަހަރުގެ ފައިނަލުން ފްރާންސް އަތުންނާއި މިއަަހަރުގެ ސެމީގައި އާޖެންޓީނާ އަތުން އެކަންޏެވެ.

މިމުބާރާތުގެ ފައިނަލް މާދަމާ ރޭ ކުޅެވޭނެ އެވެ. ގަތަރުގެ އައިކޯނިކް ލުސައިލް ސްޓޭޑިއަމްގައި ކުޅެވޭ ފޯރިގަދަ ފައިނަލުގައި ބައްދަލުކުރާނީ މެސީގެ އާޖެންޓީނާއާއި އެމްބާޕޭގެ ފްރާންސެވެ. މިމެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ރޭ 8 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355