twitterviber whatsapp telegramfacebookyoutube instagram
8th September 2024

ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާއަށް، މެސީގެ ހުވަފެން ހަގީގަތަކަށް

މުޙައްމަދު އަހުމަދު
Dec 18, 2022

ފީފާ ވޯލްޑްކަޕުގެ ފައިނަލުގައި މިރޭ އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާ މެސީގެ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ.

މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް ފައިނަލުގައި އާޖެންޓީނާއިން އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށް ދިޔައީ ފަހަތުން އަރާ ފްރާންސް އެއްވަރުކުރުމުންނެވެ.

މެޗު ފެށިގެން ފްރާންސްގެ ޑިފެންސަށް ޕްރެޝަރުކޮށް އެޓޭކިން ގޭމެއް އާޖެންޓީނާއިން ކުޅުނުއިރު ފްރާންސުގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނެވެ. އެގޮތުން 23 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. އެންހެލް ޑި މާރިއާއަށް ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކެޕްޓަން މެސީ ވަނީ ކާމިޔާބުކޮށްފަ އެވެ.

36 ވަނަ މިނެޓުގައި ފްރާންސުން ހެދި ގޯހެއްގެ ފައިދާ ނަގާ އުފެއްދި ކައުންޓަރ އެޓޭކުން އެންހެލް ޑި މާރިއާ ވަނީ ލަނޑު ޖަހާ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު އާޖެންޓީނާ ކުރީގައި އޮވެ ނިމުނުއިރު ދެވަނަ ހާފު ފްރާންސުން ވަނީ ގިނަ ބަދަލުތަކަކާއެކު ކުޅުން ރަނގަޅުކޮށްފަ އެވެ.

80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ފްރާންސަށް ފަރަގު ކުޑަކޮށްދިންއިރު އޭގެ ދެމިނެޓުފަހުން އޭނާ ވަނީ ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އިތުރުވަގުތަށް މެޗު ދިޔައިރު މެޗުގެ 108 ވަނަ މިނެޓުގައި އަނެއްކާވެސް މެސީ އާޖެންޓީނާއަށް ލީޑު ނަގައިދީ މެޗުގެ ނަތީޖާ އަނބުރާލި އެވެ. ނަމަވެސް އިތުރުވަގުތުގެ ދެވަނަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް އާޖެންޓީނާގެ ކުޅުންތެރިޔަކު އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށް އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

ޕެނަލްޓީގައި އާޖެންޓީނާއިން 4 - 2 ން މޮޅުވިއިރު ފްރާންސްގެ ކިންގްސްލީ ކޯމަންއާއި އޮރެލިން ޓުއަމެނީގެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ. އެމްބާޕޭގެ ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައިވަނީ ޖުމްލަ 8 ލަނޑާއެކު މިފަހަރުގެ ވޯލްޑްކަޕުގެ ޓޮޕް ސްކޯރާ އަށެވެ. ދެވަނައިގައި 7 ލަނޑާއެކު އޮތީ މެސީ އެވެ.

މި ވޯލްޑްކަޕަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީގެ ފަހު ވޯލްޑްކަޕަށްވީއިރު އޭނާ ވަނީ ވޯލްޑްކަޕުގެ ތަށި ހިއްލާލުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށް ބުނެފަ އެވެ. މެސީއަށް މިހާތަނަށް ނުލިބި އޮތް ކާމިޔާބީއަކީ އާޖެންޓީނާއާއެކު ވޯލްޑް ކަޕުގެ ތަށި ހިއްލާލުމެވެ. ނަމަވެސް މިރޭގެ މޮޅާއެކު މެސީގެ ހުވަފެން މިވަނީ ކާމިޔާބުވެފަ އެވެ.

އާޖެންޓީނާއިން ވޯލްޑްކަޕުގެ ތަށި ހިއްލާލާފައި މިވަނީ 3 ވަނަ ފަހަރަށެވެ. އަދި އެއީ 36 އަހަރަށް ފަހު އެވެ. އެޓީމު އެންމެފަހުން ހިއްލާލީ 1986 ގެ ވޯލްޑްކަޕެވެ. އަދި އޭގެކުރިން 1978 ގެ ވޯލްޑްކަޕެވެ. އަދި އާޖެންޓީނާއަކީ ވޯލްޑްކަޕެއްގައި ޕެނަލްޓީ ޝޫޓްއައުޓް އެންމެ ގިނައިން ކާމިޔާބުކުރި ގައުމެވެ. އާޖެންޓީނާއިން ވަނީ 6 ޕެނަލްޓީ ޝޫޓްއައުޓެއް ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355