ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމައުއެއްގައި ގާއިމުކުރާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަންނަ ޖެނުއަރީމަހު ހދ އަތޮޅުގައި އިފުތިތާހުކުރާނެކަމަށް ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދުދީދީ ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅުގައި އިބަމަ ފެށުމަށްޓަކާ ކުޅުދުއްފުއްޓަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް ވަޑައިގެން ގުޅުން ހުރި މުހިންމު މުއައްސަސާތަކާއެކު ވަނީ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފަ އެވެ. މިނިސްޓަރު ހިމެނިވަޑައިގަންނަވާގޮތަށް މިނިސްޓްރީގެ ޓީމު ވަނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ފުލުހާއި ރީޖަނަލް ހޮސްޕިޓަލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފަ އެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ހޯމަދުވަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އަންނަ އަހަރު ޖެނުއަރީމަހު އިބަމަ ހދ އަތޮޅުގެ ރަށްތަކުގައި އިބަމަ ފަށާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ ފަރާތްތަކުން ތަމްރީނުކުރުންވެސް އެ މަހު ކުރިއަށްގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ހުރި ބައެއް މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، މުއައްސަސާތަކުގެ މެދުގައި ކަންކަން ކުރުމުގެ ރޫހު އެބައޮތް ކަމަށެވެ. އަދި ބުރަ މަސައްކަތުގައި އެކުގައި މަސައްކަތްކުރާ މުއައްސަސާތަކެއްކަން ފާހަގަކުރެއްވި އެވެ.
އެހެންވުމުން މިނިސްޓަރު ވިދާޅުވީ، ހދ އަތޮޅުގައި އިބަމަ ފެށިގެންދާއިރު އެ ހަރަކާތް ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު އުންމީދު އެބައޮތްކަމަށްވެސް ވިދާޅުވި އެވެ.
ޖެންޑަރ މިނިސްޓްރީ ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ، ނާޒުކު ހާލަތަކަށް ގޮސްފައިވާ ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެކަމުގައި ބެލެވޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކަކީ އިޖުތިމާއީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންމެހާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށް ރާއްޖޭގެ މުޖުތަމައުތަކުގައި މަދަދުވެރިންގެ ގްރޫޕްތަކެއްކެވެ.