twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގަތަރު ވޯލްޑްކަޕް 3 މިލިއަނަށްވުރެ ގިނަ ފޭނުންނާއެކު، ރެކޯޑް އަދަދެއް

މުޙައްމަދު އަހުމަދު
Dec 20, 2022

ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އެންމެ ގިނަ ބެލުންތެރިން މެޗު ބަލަން ވަން އެއް މުބާރާތަށްވެ ރެކޯޑެއް ހަދައިފި އެވެ.

ނޮވެމްބަރު 20 ން ފެށިގެން ޑިސެމްބަރު 18 ގެ ނިޔަލަށް ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ބެލުމަށް 3 މިލިއަނަށްވުރެ ގިނަ މީހުން ދަނޑުތަކަށް ވަދެފައިވެ އެވެ. ޖުމްލަ 3،404،252 (ތިން މިލިއަން ހަތަރު ލައްކަ ހަތަރު ހާސް ދުއިސައްތަ ފަންސާސް ދޭއް) ބެލުންތެރިން މިފަހަރުގެ ވޯލްޑްކަޕް ބެލުމަށް ދަނޑުތަކަށް ވަދެފައިވެ އެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮތީ މިދިޔަ އާދިއްތަ ދުވަހު ގަތަރުގެ އައިކޯނިކް ލުސައިލް ސްޓޭޑިއަމްގަ އެވެ. އެމެޗު ޕެނަލްޓީގައި 4 - 2 ން އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ކާމިޔާބުކޮށް މުބާރާތުގެ ތަށި ހިއްލާލީ އާޖެންޓީނާއިންނެވެ.

އެމެޗު ބެލުމަށް އެތައް ހާސް ބަޔަކު ލުސައިލް ދަނޑަށް ވަނެވެ. 88،966 ބެލުންތެރިންނާއެކު މިއީ މިފަހަރުގެ ވޯލްޑްކަޕުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ މިހާތަނަށް އެންމެ ފޯރިގަދަ އެއް ފައިނަލް ފެނިގެންދިޔަ މުބާރާތެވެ.

ގްރޫޕް ސްޓޭޖް ނިމުނުއިރު މެޗުތައް ބަލަން ދަނޑުތަކަށް ވަން ބެލުންތެރިންގެ އަދަދު ވަނީ 2،457،059 (ދެ މިލިއަން ހަތަރު ލައްކަ ފަންސާސް ހަތްހާސް ފަންސާސް ނުވައެއް) އަކަށް އަރާފަ އެވެ. އަދި ދެވަނަ ބުރުގެ 8 މެޗު ބަލަން ޖުމްލަ 411،609 މީހުން ވަންއިރު ކުއާޓާ ފައިނަލުގެ މެޗުތައް ބަލަން 245،221 މީހުން ވަދެފައިވާކަން ރެކޯޑް ކުރެވިފައިވެ އެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު ކްރޮއޭޝިއާ ބްރެޒިލް މެޗު ބަލަން 43،893 މީހުން ވަންއިރު މޮރޮކޯއާ ޕޯޗުގަލް ބައްދަލުކުރި މެޗަށް އަލް ތުމާމާ ސްޓޭޑިއަމަށް 44،198 މީހުން ވަދެފައިވެ އެވެ.

އެންމެ ގިނަ ބެލުންތެރިން ވަންނަނީ އާޖެންޓީނާގެ މެޗުތަކަށް ކަމަށް ފާހަގަވެފައިވާއިރު ކުއާޓާގައި އާޖެންޓީނާ އަދި ނެދަލޭންޑްސް މެޗު ބަލަން އެކަނި ވެސް 88،235 މީހުން ވަނެވެ. އަދި ފްރާންސް އިންގްލޭންޑް މެޗަށް 68،895 މީހުން ވަދެފައިވާއިރު ލުސައިލް އަދި އަލް ބައިތު ސްޓޭޑިއަމްގައި ކުޅެވުނު ސެމީގެ މެޗުތައް ބަލަން ޖުމްލަ 157،260 ބެލުންތެރިން ވަދެފައިވެ އެވެ.

ފްރާންސް މޮރޮކޯ މެޗަށް 68،294 މީހުން ވަންއިރު އާޖެންޓީނާ ކްރޮއޭޝިއާ މެޗަށް 88،966 މީހުން ވަދެފައިވެ އެވެ. އަދި ތިންވަނަ ހޮވި މެޗުގައި ކްރޮއޭޝިއާއާ މޮރޮކޯ ބައްދަލުކުރިއިރު އެމެޗު ބަލަން ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމަށް 44،137 މީހުން ވަނެވެ. އެމެޗު ނިމުނީ 2 - 1 ން ކްރޮއޭޝިއާ މޮޅުވެގެންނެވެ.

މިފަހަރުގެ ގަތަރު ވޯލްޑްކަޕަށް ވަން ބެލުންތެރިންގެ އަދަދަކީ ރެކޯޑް އަދަދަކެވެ. އެގޮތުން މި ވޯލްޑްކަޕަކީ ވޯލްޑްކަޕުގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ބެލުންތެރިން ވަން ވޯލްޑް ކަޕެވެ.

ދެވަނައިގައި އޮތީ 3،429،873 (ތިން މިލިއަން ހަތަރު ލައްކަ ނަވާވީސް ހާސް އައްސަތޭކަ ހަތްދިހަ ތިނެއް) ބެލުންތެރިންނާއެކު 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕެވެ.

އަދި މިހާތަނަށް އެންމެ ގިނަ ބެލުންތެރިން ރެކޯޑް ކުރެވުނު ވޯލްޑްކަޕަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑްކަޕެވެ. އެވޯލްޑް ކަޕް ބެލުމަށް ދަނޑުތަކަށް ޖުމްލަ 3،587،538 (ތިން މިލިއަން ފަސް ލައްކަ އައްޑިހަ ހަތްހާސް ފަސް ސަތޭކަ ތިރީސް އަށެއް) ބެލުންތެރިން ވަދެފައިވާކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355