twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ތެލަށް ބަރޯސާވުން ކުޑަކުރަންޖެހޭ: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Dec 21, 2022

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ތެލަށް ބަރޯސާވުން މިހާރަށްވުރެވެސް ކުޑަކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވާހަކަފުޅުގައި ކަރަންޓުގެ ހިދުމަތަކީ ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ނަމަވެސް ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ކޮވިޑް-19ގެ ހާލަތުންނާއި، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުންވެސް އެނގި ހާމަވާކަމުގައި ވިދާޅުވިއެވެ.

މިގޮތުން، ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބުގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މާލޭގެ ކަރަންޓުގެ ހިދުމަތުގެ ތާރީހަށާއި، ސްޓެލްކޯއިން މާލޭ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބު ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ހިދުމަތާ މެދުގައި ކަމަށެވެ.

އަދި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355