twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކާލް ސްޓުމްކަ

ނަބީލާ އިސްމާޢީލް
Dec 22, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ ގޮތުގައި ހުންނެވި މރ. ކާލް ސްޓުމްކަ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ވިދާޅުވީ، ބީއެމްއެލްގެ އެމްޑީގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކާލް ސްޓުމްކަ އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.

ސްޓުމްކަ ވަނީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

އޭނާ ބީއެމްއެލާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.

ސްޓުމްކަ ވަނީ 2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖާގެ ގޮތުގައި ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހުރެއިނުގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވާފަ އެވެ.

ކާލް ވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑައިރެކްޓާ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެއް ކަމަށްވާ ކާލް ވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާ އިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި ފްރާންސް، ސްވިޒަލޭންޑްގެ އިތުރުން ސައުތު އެފްރިކާގައި ވެސް އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްް ފުރިހަމަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355