ރެއާލް މެޑްރިޑްގައި ދިގު މުއްދަތެއް ހޭދަކުރި އެޓީމުގެ ގިނަ ތަރިންތަކެއް މިދިޔަ ސަމާގައި ވަނީ ޓީމުން ވަކިވެފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އެޓީމުގެ ތަރި އިސްކޯ އެވެ.
2013 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅުނު އިސްކޯ ވަނީ ސްޕޭނުގެ ޗެމްޕިއަނުންނަށް 350 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ނަމަވެސް ރެއާލުގެ ފުރަތަމަ ޓީމަށް އޭނާ އެންމެ މުހިންމު ކުޅުންތެރިއަކަށް ނުވާކަން ސާފުއިރު ދެފަރާތުގެ ރަނގަޅަކަށް އިސްކޯ ރެއާލް ދޫކޮށްލީ އެވެ.
ނަމަވެސް ރެއާލް ދޫކޮށްލުމަށްފަހު އިސްކޯގެ ކެރިއަރު ދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އޮގަސްޓްގައި ސެވިއްޔާއާ ގުޅުނު މިޑްފީލްޑަރު ވަނީ އެންމެ 4 މަހަށް ފަހު ޓީމު ދޫކޮށްލާފަ އެވެ.
ސެވިއްޔާގެ ޓީމުގެ ތެރޭގައި ވެސް ގިނަ މައްސަލަތަކެއް ހުރިއިރު އެޓީމަށް ސީޒަން ދަނީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ސީޒަނުގެ މެދުތެރެއިން ކޯޗު ހުލެން ލޮޕެޓޫގީގެ ބަދަލުގައި ޖޯޖް ސަމްޕައޮލީ ޓީމާ ގުޅުނުއިރު އެ ނިންމުންވީ އިސްކޯއަށް ފައިދާކުރި ނިންމުމަކަށް ނޫނެވެ.
އާ ކޯޗުގެ ވިސްނުންތަކުން ބޭރުގައި އިސްކޯ ހުރިއިރު ސެވިއްޔާ ވެބްސައިޓުން ރިޕޯޓުކުރި ގޮތުގައި ސެވިއްޔާއާއި އިސްކޯ ވަނީ އެއްބަސްވުން އުވާލުމަށް އެއްބަސްވެފަ އެވެ. އިސްކޯގެ ސެވިއްޔާ ކެރިއަރު އެންމެ 4 މަހަށްފަހު ނިމުނުއިރު ޓްރާންސްމާކެޓުގެ ސްޓެޓްސްތަކަށް ބަލާއިރު އޭނާ ވަނީ އެޓީމަށް 19 މެޗު ކުޅެދީ އެއް ގޯލު އަދި 3 އެސިސްޓްކޮށްދީފަ އެވެ.
އޭނާ އެންމެ މޮޅު ދުވަސްވަރުގެ ކުޅުމާ ސެވިއްޔާގައި އޭނާއަށް ގާތަށް ވެސް ނުކުޅެވުނު ނަމަވެސް 4 މަހަށްފަހު އެއްބަސްވުން އުވާލުން އައީ ގިނަ ބަޔަކަށް ހައިރާންކަމެއްގެ ގޮތުގަ އެވެ.
އިސްކޯ ދެން ފެންނާނެ ކުލަބެއް ޔަގީން ނުވާއިރު 30 އަހަރުގެ ކުޅުންތެރިޔާއަށް އޭނާގެ ތަޖުރިބާއާއެކު އާ ކުލަބެއް ހޯދަން އުދަނގޫ ވެގެން ނުވާނެ އެވެ. އިސްކޯގެ އޭނާގެ ކެރިއަރު އެއްކޮށް ސްޕެއިންގައި ހޭދަކުރިއިރު ގިނަ ބަޔަކަށް ހީކުރެވުނީ އޭނާ ލަލީގާގައި މަޑުކުރާނެ ކަމަށެވެ. ނަމަވެސް އެހެން ތަޖުރިބާއަކަށް އޭނާ ލަލީގާ ދޫކޮށްލުމަކީ ވެސް ދުރު ކަމެއް ނޫނެވެ.