twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެ

Dec 25, 2022

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދަބު ކަނޑައެޅުމުގެ މަޖިލިސް 2:00 ގައި ބާއްވާނެކަން އިއުލާންކޮށް ޝަރީއަތުގެ މަޖިލިސް ވަނީ މެދުކަނޑާލައިފައެވެ. ދައުލަތުން އެދުނީ ބޮޑު އަދަބެއް ކަނޑައަަޅައި ދިނުމަށެވެ.

ދެން އޮންނާނީ މި ދެ މައްސަލަ ސާބިތުވުމުން އަދަބު ކަނޑައެޅުމެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ދައުވާ ސާބިތުވުމުން މަދުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެގޮތުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވުމުން މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑްރައިންގެ ދައުވާ ސާބިތުވުމުން މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނައެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތު ކޮށެވެ.

އެގޮތުން ރައީސް އޮފީހުގެ އެންގުމަށް އާރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށް ޔޫސްފް ނައީމްގެ 99 އިންސައްތަ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްދިނެވެ. އަދިި ފަހުން އެ ރަށް އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ވިއްކާލާފައެވެ. އެ ކުންފުނީގެ 99 އިންސައްތަ ހިއްސާ އޮންނަނީ ޔޫސުފް ނައީމަށް ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮތް އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އާރަށް ހަވާލުކުރުމުން އިކުއިޒިޝަން ކޮސްޓަށް އެއް މިލިއަން ޑޮލަރު އެލްއޭ އިން އެމްއެމްޕީއާރުސީއަށް ދިނެވެ. އަދި އެއާ އެކު ހަމަ އެ ކުންފުނިން ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ރައީސް ޔާމީނަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ. އެ ފައިސާ ޔާމީނަށް ދޫކޮށްފައިވަނީ އެޗްއެސްބީސީ މެދުވެރިކޮށެވެ.

އެޗްއެސްބީސީގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން އެ އެއްމިލިއަން ޑޮލަރުގެ އިތުރުން އަދި އިތުރު ފައިސާ ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޓްރާންސްފާ ކޮށްފައެވެ. ބީއެމްއެލް އެކައުންޓުން ދެން އެ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށެވެ.

އެއް މިލިއަން ޑޮލަރުގެ ތެރެއަށް އިތުރު ފައިސާ އެއްކޮށް ޖުމްލަ 3,413,230 ޑޮލަރު ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ ހުރިހާ ތުހުމަތުތަކަކަށް ވެސް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. ދިފާއުގައި ވިދާޅުވީ, އެ އެއް މިލިއަން ޑޮލަރަކީ ޔޫސުފް ނައީމް އަތުން ބައްލަވައިގަތުމަށްފަހު އޭގެ ބަދަލުގައި އޭނާއަށް ދިވެހި ރުފިޔާ ދީފައިވާ މުއާމަލާތެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ވެސް މަނީ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ވަނީ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވައި ހައި ކޯޓުގައި އިސްތިއުނާފްކޮށް ނާކާމިޔާބްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލް ކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355